ސަރުކާރަށް ތާއީދު ލިބޭނީ އައްޑޫގެ ތަރައްގީއަށް ހާއްސަ އިސްކަމެއް ދީގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިތަދޫގައި ހަރަކާތްތެރިވާ އެމްޑީޕީގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އަށް އަވަހަށް ތަރައްގީ ހޯދެން އޮތީ އައްޑޫ އަށް ފޯކަސްކޮށްގެން ކަމަށާއި ސަރުކާރުން ހިންގާ ކަންކަން އައްޑޫ އަށް ފޯކަސްކުރަންޖެހޭ ކަމަށެވެ. އެގޮތުން އައްޑު އަށް ފޯސްކޮށްގެން ބޮޑު މަސައްކަތްތަކެއް ކުރެވިއްޖެނަމަ ސަރުކާރަށް އަދިވެސް މާ ތާއީދު ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"ބާކީ މިއޮތް އެއް އަހަރުތެރޭގައި ވެސް މި ތަނަށް (އައްޑޫ) ފޯކަސްކޮށްފައި އުޅެގެންފިއްޔާ އަދިވެސް އަޅުގަނޑު ދަންނަވާނީ ސަރުކާރަށް ތާއީދު ހޯދޭނެ. ދެން އަޅުގަނޑަކަށް ނޭނގޭ ސަރުކާރުން އެކަން ކުރާނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

މިބައްދަލުވުމުގައި ބައިވެރިވި މީހުންނަށް ހިޔާލުފާޅުކުރަން ފުރުސަތު ދިނުމުން ބައެއް މީހުން ވަނީ އެމްޑީޕީގެ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެގޮތުން ބައެއް މީހުން ބުނީ އެމްޑީޕީއަށް ވެރިކަން ލިބުމާ ގުޅިގެން ޕާޓީގެ އިސް ބޭފުޅުން އައްޑޫއަށް ވަޑައިނުގަންނަވާ ކަމަށެވެ.

ޝަކުވާތައް އަޑުއެއްސެވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ތަންކޮޅެއް ގިނައިން އައްޑޫއަށް ވަޑައިގަންނަވާނެ ކަމަށެވެ. އެމަނިކުފާނަށް އައްޑޫއަށް ތަންކޮޅެއް ފަހުން ވަޑައިގެންނެވުނީ މިދިޔަ އަހަރު މެއި ހަވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އުޅުއްވަން ޖެހިވަޑައިގެންނެވި ގޮތުން ކަމުގައި ވެސް ވިދާޅުވި އެވެ.