ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ގިނަ ކަންތައްތަކަކާ ބެހޭ ގޮތުން ދެ ގައުމުގެ ދެމެދުގައި ޑިރެކްޓަރ-ޖެނެރަލް ލެވެލްގެ މަޝްވަރާތަކެއް މާދަމާ އޮންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލްއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން މި މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް (އޭޝިއަން އެފެއާޒް ޑިޕާޓްމަންޓް) ޗެންގް ސޮންގް އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނީ ދެ ގައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ، ކޮވިޑް-19ގެ އާއި ގުޅުން ހުރި ކަންތައްތަކާ ބެހޭ ގޮތުން ކަމަށެވެ. އެގޮތުން ކޮވިޑް-19 ގެ ސަބަބުން ލިބިފައިވާ އިގްތިސާދީ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ފަތުރުވެރިކަން ކުރިއެރުވުން އަދި ބައިނަލްއަގުވާމީ ދަތުރުފަތުރާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި ދެ ގައުމު ގުޅިގެން މަލްޓިލޭޓަރަލް ފޯރަމްތަކުގައިއެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނެ އެވެ. އަދި ކޮވިޑް-19 އިން އަރައިގަތުމަށް މަސައްކަތް ކުރެވޭ މި ދަނޑިވަޅުގައި ތަރައްގީގެ ބައިވެރިންނާއެކު ދިވެހި ސަރުކާރުން ކުރިއަށް ގެންދާ މަޝްވަރާތައް ހުއްޓުމެއް ނެތި ކުރިޔަށްދާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

"ގައުމުގެ އިގްތިސާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތުގައި މިމަޝްވަރާތައް އިސް ދައުރެއް އަދާކުރެ އެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން އަލުން އިޔާދަކުރުމަށް މަސައްކަތްކުރާއިރު، ޗައިނާއަކީ ކޮވިޑް-19ގެ ޙާލަތުގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ." ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި ޗައިނާއަކީ ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް އެންމެ ފުރަތަމަ އެހީ ފޯރުކޮށްދިން އެއް ގައުމެވެ. އެކި ދާއިރާރަކުން ޗައިނާއިން އަންނަނީ އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ދިވެހިރާއްޖެއާ ޗައިނާ އާ ދެމެދު ހުއްޓުމެއް ނެތި މަޝްވަރާތައް ކުރިއަށްދާއިރު، ޑިރެކްޓަރ-ޖެނެރަލް ލެވެލްގައި މިދިޔަ ޖުލައި މަހުވެސް މަޝްވަރާތައް ބާއްވާފައިވެ އެވެ.