ވ. އާރަށުގައި ރިސޯޓެއް ހެދުމަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތަށް ހެކީގެ ގޮތުގައި ކެބިނެޓްގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ޔައުމިއްޔާ ކަމަށް ބުނެ ދައުލަތުން ހުށަހަޅާފައިވާ ޔައުމިއްޔާއަކީ ސައްހަ އެއްޗެއް ނޫން ކަމަށް، އެ ކައުންސިލްގައި އިންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

ސައީދު އާއި ޒުހޫރު މިފަދައިން ވިދާޅުވީ މިއަދު ކްރިމިނަލް ކޯޓުގައި ވ.އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީނާ ދެކޮޅަށް ކުރީ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރިއަތުގައި ހެކި ބަސް ދެއްވަމުންނެވެ.

މިއަދުގެ ޝަރީއަތުގައި ކުރިއަށްދިޔައީ ހިޔާނާތް ހިނގިކަން ސާބިތުކުރަން ދައުލަތުން ހުށަހަޅާފައިވާ ދެ ލިޔުމެއްގެ ސައްހަކަން ސާފުކުރަން ޔާމީންގެ ދިފާއުގައި ހުށަހަޅާފައިވާ ތިން ހެކިވެރިޔެއްގެ ހެކިބަސް ނެގުމެވެ. އެގޮތުން މިއަދު ވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުއާއި، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރާއި، ރައީސް އޮފީހުގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުޖުތާޒު ހެކިބަސް ނަގާފަ އެވެ.

މިއަދުގެ ޝަރީއަތުގައި އާރަށް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ)ގެ ބައްދަލުވުމުގެ ޔައުއްމިޔާ ދެއްކުމަށްފަހު އެއީ ސައްހަ ޔައުމިއްޔާއެއްތޯ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އެ ދެ ބޭފުޅުންނާ ވެސް ސުވާލުކުރި އެވެ.

ރަޢީސް ޔާމީންގެ ވަކީލުންގެ އެ ސުވާލަށް ޖަވާބު ދެއްވަމުން ސައީދާއި ޒުހޫރު އެ ލިޔުމަށް ބެއްލެވުމަށްފަހު ވިދާޅުވީ އެ ޔައުމިއްޔާގައި އެ ބޭފުޅުން ސޮއިކުރައްވާފައި ނެތް ކަމަށާއި އެއީ ސައްހަ ޔައުމިއްޔާއެއް ނޫން ކަމަށެވެ.

އެ ދެ ބޭފުޅުން ވެސް ތަކުރާރުކޮށް ވިދާޅުވީ އީވައިސީގެ ބައްދަލުވުންތަކުގެ ޔައުމިއްޔާތަކުގައި ބައްދަލުވުމުގެ ފަހުން ސެކްރެޓަރީން ސޮއިކުރުވާ ކަމަށެވެ.

އެ ނޫން އެއްވެސް ޔައުމިއްޔާއަކީ ސައްހަ ޔައުމިއްޔާއަކަށް ނުވާނެ ކަމަށާއި އަދި އޭނާ ބައިވެރިވި އެއްވެސް ޔައުމިއްޔާއެއްގައި ސޮއިނުކޮށް އޮވެގެންނުވާނެ ކަމަށް ތަކުރާރުކޮށް އެބޭފުޅުން ވިދާޅުވި އެވެ.

މިއަދު ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލިސްގައި ކުރީގެ ޔޫތު މިނިސްޓަރު ޒުހޫރު ހެކި ބަސް ދެއްވަނީ

މިއަދުގެ ޝަރީއަތުގައި ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި، ހަނިމާދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުޖުތާޒްގެ ހެކިބަސް ވެސް ވަނީ ނަގައިފަ އެވެ.

އެގޮތުން ރައީސް އޮފީހުން އަންގާ އެންގުންތަކުގެ ގޮތުގައި ފޮނުވާ ސިޓީތަކުގައި ސޮއިކުރެއްވުމަށް ރައީސް ޔާމީން ހުއްދަ ދެއްވާފައިވާ ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވިކަން ފާހަގަކޮށް މުޖުތާޒް ވިދާޅުވީ ޔާމީންގެ ދައުރުގައި ސިޓީތަކުގައި ސޮއިކުރުމުގެ ހުއްދަ ރައީސް އޮފީހުން އެކި ދުވަސްވަރުގައި ދެއްވާފައިވަނީ ހަތަރު ބޭފުޅަކަށް ކަމަށެވެ.

މިއަދުގެ ޝަރީއަތް ނިންމަވާލައްވަމުން އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ، މިހާރު މައްސަލައިގެ ހުރިހާ ޝަފަހީ ހެކިންގެ ހެކިބަސް ނަގާ ނިމުނީ ކަމަށެވެ. ދެން އޮންނާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް ބާއްވާ އަޑުއެހުމެކެވެ. އެ އަޑުއެހުން އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު އެވެ.

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެއް މުއާމަލާތް ކަމަށް ބުނާ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތު ހިފުމުގެ ދައުވާ ކުރެ އެވެ.