ކޮފީ ބުއިމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ދިރިއުޅުމުގެ މުހިއްމު ބައަކަށް މިހާރު ވަނީ ވެފަ އެވެ. ކޮފީ އަކީ އޭގައި ފައިދާ ތަކެއް އެކުލެވުނު ނަމަވެސް ބޭނުންކުރެވޭ މިންވަރަކުން ގެއްލުންތަކެއް އެކުލެވޭ އެއްޗެއް ވެސްމެ އެވެ. ދުވާލެއްގެ މައްޗަށް ބޮވޭ ކޮފީގެ މިންވަރުން ހަށިގަނޑަށް ކުރާ އަސަރުތައް ތަފާތުވެ އެވެ.

ދުވާލަކު 1 ތަށި ކޮފީ

ކޮފީއަކީ އޭގައި ވަރުގަދަ އެންޓި އޮކްސިޑެންޓެއް އެކުލެވޭ ސިކުނޑި ހަމައަކަށް އަޅުވައިދޭ އެއްޗެކެވެ. އަދި އެއީ ލޭނާރު ތަކަށް ރަނގަޅު އަސަރެއް ކުރުވާ، ލޭގެ ޕްރެޝަރު އެއް ހަމައެއްގައި ހިފަހައްޓައިވެސް ދޭ އެއްޗެކެވެ. ދުވާލަކު އެއް ތަށި ކޮފީ ބޮއެފި ކަމަށް ވާނަމަ މަތީގައިވާ ފައިދާތައް ލިބިގެންދާނެ އެވެ.

ދުވާލަކު 2 ތަށި ކޮފީ

ދުވާލަކު ދެ ތަށި ކޮފީ ބުއިމަކީ އަލްޒީމާ ބަލިން ރައްކާތެރިވުމަށް އެކަށޭނެ މިންވަރެއްކަމަށްވެ އެވެ. އެއީ ކޮފީގެ މިންވަރު އިތުރު ކުރުމުން ކެފެއިންގެ މިންވަރު އިތުރުވެ، ސިކުނޑިން ހަނދާން ކުރުމުގެ ބައި މަސައްކަތް ކުރުން ފުރިހަމަވާތީ އެވެ. ބުރަ މަސައްކަތެއް ކުރުމުގެ 30 މިނެޓް ކުރިން ދެ ތަށި ކޮފީ ބުއިމަކީ ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދޭނެ ކަމެކެވެ.

ދުވާލަކު 3 ތަށި ކޮފީ

އާދަވެގެން ދުވާލެއްގެ މައްޗަށް 3 ތަށި ކޮފީ ބޭނުންކުރާނަމަ އަންހެނާގެ ރަހިމަށް ޖެހޭ (އޯވަރިއަން) ކެންސަރުން ރައްކާތެރިވުމަށް އެހީވެ އެވެ. އަދި ފިރިހެނަކު ނަމަ ގޮހޮރުގައި ހިލަ އުފެދުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ. އެހެން ނަމަވެސް ކެފެއިންގެ ޑޯޒް މަތިވުމުގެ ސަބަބުން ހިތުގެ ބަލިތަކަށް މަގުފަހިވެ، ހާޓް އެޓޭކެއް ޖެހުން ކައިރި އެވެ.

ދުވާލަކު 4 ތަށި ކޮފީ

އާއްމު ގޮތެއްގައި ކޮފީ ބުއިމަށް ބޭނުންކުރާ ތަށީގެ ހަތަރު ތަށީގައި 400 މިލިގްރާމްގެ ކެފެއިން ހުންނާނެ އެވެ. މިއީ ބާރުގަދަ އެންޓިއޮކްސިޑެންޓަކަށްވުމުން ހަށިގަނޑުގެ ތެރެ ސާފުކޮށްދީ ހަކުރު ބައްޔާއި ޕްރޮސްޓޭޓް ކެންސަރު ފަދަ ބަލިތަކަށް ހުރަސްއަޅަ އެވެ. ކަން މިހެން އޮތް ނަމަވެސް ހަތަރު ތަށި ކޮފީ ދުވާލެއްގެ މައްޗަށް ބޮއެފި ކަމަށްވާނަމަ ގިނައިން ހޮޑުލަވާ ހިތް ބިރުގަންނަ ގޮތް ދިމާވާނެ އެވެ.

ދުވާލަކު 5 ތަށި ކޮފީ

ދިރާސާތަކުން ދައްކާ ގޮތުގައި ދުވާލަކު ފަސް ތަށި ކޮފީ ބޮއިފިނަމަ ޗިސްމޭގ ކެންސަރު ޖެހުމުން ދުރުކޮށްދެ އެވެ. އެހެން ނަމަވެސް ކެފެއިން އަކީ ކަށިތަކަށް ބޭނުންވާ މުހިއްމު މާއްދާއެއް ކަމަށްވާ ކެލްސިއަމް މަދުކޮށްދޭ އެއްޗެއްކަމުން އޮސްޓިއޯފޮރެސިސްއަށް މަގުފަހިވެ އެވެ.

ދުވާލަކު 6 ތަށި ކޮފީ

ކޮފީގައި އެކުލެވޭ އެންޓިއޮކްސިޑެންޓެއް ހަމުގެ ސެލްތައް ރައްކާތެރިކޮށްދީ އަލުން އެސެލްތައް އުފެއްދުމަށް އެހީތެރިވެދެ އެވެ. އެހެން ކަމުން ދުވާލަކު ހަ ތަށި ކޮފީ ބުއިމަކީ ހަމުގެ ކެންސަރުން ދުރު ކޮށްދޭނެ ކަމެކެވެ. ނަމަވެސް މިހާ ގިނަ މިންވަރަކަށް ކޮފީ ބުއިމަކީ ބޭރަށް ހިންގަން މެދުވެރިވާ ސަބަބަކަށް ވެދާނެ އެވެ. އަދި ގިނައިން ހޮޑުލެވި ލޭގެ ޕްރެޝަރު މަތިވެ، ހިތުގެ ބަލިތަކަށް މީހާ ހުށައެޅޭނެ އެވެ.

މަތީގައި ބުނެވި އެދިޔައީ ކޮފީގެ އެކި މިންވަރު ބޭނުން ކުރުމުގެ ސަބަބުން ލިބޭނެ ފައިދާ ތަކާއި ގެއްލުން ތަކެވެ. “ކޮފީއެއް ޖަހާލަން” ބޭނުންވާ ކޮންމެ ފަހަރަކު ތިމާގެ ހަށިގަނޑަށް ކޮފީ ބޭނުންވަނީ ކިހާ މިންވަރެއްތޯ ވިސްނާލުން ބުއްދިވެރި އެވެ.