ވައި ނުސާފުވެ ތަޣައްޔަރުވުމުގައި އެންމެ ބޮޑު އެއް ދައުރެއް އަދާކުރާ އެއްކަމަކީ ވައިގެ ދަތުރު ފަތުރެވެ. މަތިންދާބޯޓުތަކުން ދޫކުރާ ދުމާއި ތެލުގެ އަސަރުން ވައި ތަޣައްޔަރުވުމުގެ މައްސަލަ ވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

މި މައްސަލަ ހައްލު ކުރުމަށްޓަކައި ސައިންސްވެރިން އަންނަނީ ކެނޑިނޭޅި މަސައްކަތްތަކެއް ވެސް ކުރަމުންނެވެ. އެ މަސައްކަތްތަކުގައި ކުރިއެރުންތަކެއް ވެސް މިހާތަނަށް ލިބިފައިވެ އެވެ. އެގޮތުން ތެޔޮ ބޭނުންނުކޮށް ކަރަންޓުގެ އެހީގައި އޮޕަރޭޓްކުރާ މަތިންދާބޯޓަކީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

ހަމައެކަނި ކަރަންޓު ބޭނުންކޮށްގެން އޮޕަރޭޓްކުރާ ފެސެންޖާ މަތިންދާބޯޓު ކާމިޔާބުކަމާ އެކު ޓެސްޓު ކޮށްފައިވާއިރު، މިއީ ވައިގެ ދަތުރުފަތުރަށް ބޮޑު އިންގިލާބެއް ގެންނާނެ އީޖާދެކެވެ.

"ދަ އެލައިސް"ގެ ނަމުން ނަން ދީފައިވާ ނުވަ މީހުންގެ ޖާގައިގެ މި މަތިންދާބޯޓު އޭގެ އެންމެ ފުރަތަމަ ދަތުރުކޮށްފައިވާއިރު، އެމެރިކާގެ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިން ހުއްދަ ދީފި ނަމަ އެ ވެގެންދާނީ ފަސިންޖަރުންނާ އެކު ކޮމާޝަލް ދަތުރުތައްކުރާ ފުރަތަމަ ކަރަންޓު މަތިންދާބޯޓަށެވެ.

ވޮޝިންޓަންގެ ކުންފުންޏެއް ކަަމަށްވާ އީވިއޭޝަނުން ތަރައްގީ ކޮށްފައިވާ މި މަތިންދާބޯޓަކީ 150 މޭލާއި 200 މޭލާ ދެމެދުގެ ރާސްތާއެއްގައި 3،500 ފޫޓު މަތިން ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ މަތިންދާބޯޓެެކެވެ. އެއީ ގާތްގަނޑަކަށް މާލެ އާއި ލ. ކައްދުއާ ދެމެދުގެ ދިގުމިނެވެ.

އެލައިސްގެ ޓެސްޓު ދަތުރުކުރެވުނު ނަމަވެސް، މި މަތިންދާ ބޯޓު ހިދުމަތަށް ނެރެން އަދި ދުވަސް ނަގާނެ ކަމަށް އޭގެ އިންޖީނިއަރުން ބުނެ އެވެ.