ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވަތްރާ ރާއްޖެ ވަޑައިގެންފި އެވެ.

ތިން ދުވަހުގެ ދަތުރަކަށް ވިނޭ ރާއްޖެ ވަޑައިގެންނެވިއިރު މި ދަތުރުފުޅުގެ ތެރެއިން ދެ ފޮރިން ސެކްރެޓްރީންގެ ދެ ގައުމުގެ ގުޅުން ހަރުދަނާކުރެއްވުމަށް މަޝްވަރާކުރައްވާނެ ކަމަށް ސަރުކާރުން ހާމަކުރެ އެވެ. އަދި މިހާރު އިންޑިއާގެ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށްދާ މަޝްރުއޫތައް ކުރިއަށްދާގޮތް ބައްލަވާ ލައްވާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

އިންޑިއާގެ ފޮރިން ސެކްރަޓަރީ ވިނޭ މޯހަންގެ މި ދަތުރުފުޅުގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ވިނޭ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.