މިއަހަރަށް ރައްޔިތުން މަޖިލީހުން ފާސްކޮށްދީފައިވާ ބަޖެޓުގައިވާ އަދަދަށް ވުރެ އިތުރަށް ސަރުކާރުގެ ކުންފުނިތަކަށް 700 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކެޕިޓަލްގެ ގޮތުގައި ދޫކޮށްފައިވާކަން ހާމަވެއްޖެ އެވެ.

މިކަން ހާމަވެފައި ވަނީ ފިނޭންސް މިނިސްޓްރީން އާންމުކުރި ސަރުކާރުގެ އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބުތަކުގެ ރިޕޯޓުންނެވެ.

މިއަހަރުގެ ބަޖެޓުގައި ކުންފުނިތަކަށް ކެޕިޓަލްގެ ގޮތުގައި ދޫކުރަން ކަނޑައަޅާފައި ވަނީ 378.3 މިލިއަން ރުފިޔާ އެވެ. އެ އަދަދު ކަނޑައެޅީ ބައެއް ކުންފުނިތައް އުވާލުމާއި އެއްކޮށްލުން ފަދަ ހަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމައިގެންނެ އެވެ.

އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ސަރުކާރުގެ ކުންފުނިތަކަށް ވަނީ ކެޕިޓަލްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ދީފަ އެވެ. މިއީ ބަޖެޓް ކުރި އަދަދަށް ވުރެ %205 އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ ވެސް %4 އިތުރު، 48 މިލިއަން ރުފިޔާ ބޮޑު އަދަދެއް ވެސް މެއެވެ.

އެ ފައިސާ ދޫކުރި ގޮތުގެ ތަފްސީލްތައް އަދި ލިބޭ ގޮތެއް ނުވެ އެވެ. ބެލެވޭ ގޮތުގައި، މިއަހަރަށް ފާސްކޮށްދިން ބަޖެޓަށް ވުރެ ކުންފުނިތަކަށް ދޭ ފައިސާ އިތުރުވެފައި ވަނީ ކުންފުނިތައް އިސްލާހުކުރަން އަޅަން ނިންމި ބައެއް ފިޔަވަޅުތައް އަދިވެސް ނޭޅިފައި ވާތީ އެވެ.

މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ގޮތުގައި ސީދާ ބަޖެޓުން ފައިސާ ދޭނީ ސަރުކާރުގެ ހަ ކުންފުންޏަކަށެވެ. އެއީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އަށް 33.4 މިލިއަން ރުފިޔާ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އަށް 130.7 މިލިއަން ރުފިޔާ، އެސްޑީއެފްސީ އަށް 50 މިލިއަން ރުފިޔާ ރުފިޔާ، އައްޑޫ އެއާޕޯޓް ކުންފުންޏަށް 44.9 މިލިއަން ރުފިޔާ އަދި އައިލެންޑް އޭވިއޭޝަން އަށް 77 މިލިއަން ރުފިޔާ އަދި ރީޖަނަލް އެއާޕޯޓްސް އަށް 30 މިލިއަން ރުފިޔާ އެވެ.

އެހެން ނަމަވެސް މިހާރު އެ އަދަދުތައް މާ ބޮޑުވެފަ ފައިސާ ދޫކުރި ކުންފުނިތައް މިއަށް ވުރެ ގިނަ ވާނޭ ކަމަށް ވެސް ބެލެވެ އެވެ.

ކުންފުނިތަކަށް ސަރުކާރުން ދިން ފައިސާގެ އަދަދު ބަޖެޓް ކުރިވަރަށް ވުރެ ވެސް އިތުރުވެގެން ދިޔައިރު، ކުންުފުނިތަކަށް ލިބުނު ފައިދާއިން ޑިވިޑެންޑުގެ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ސަރުކާރަށް ލިބިފައި ވަނީ 409 މިލިއަން ރުފިޔާ އެވެ.

އެއީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 468 މިލިއަން ރުފިޔާއާ އަޅާބަލާއިރު 59 މިލިއަން ރުފިޔާ މަދު އަދަދެކެވެ.