ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގައި އިންޑިއާގެ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމަށް އެ ގައުމުގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވަތުރާ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ބޭއްވި ބައްދަލުވުމުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސް ސޯލިހު ވަނީ މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފަ އެވެ. މީގެ އިތުރުން ވެސް މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޑިޕްލޮމަސީގެ ދާއިރާއިން ފޮރިން ސެކްރެޓަރީ ކުރައްވާފައިވާ ގިނަ ގުނަ ހިދުމަތްތައް ފާހަގަކުރައްވައި އެމަނިކުފާނަށް ތައުރީފު ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ އަޚުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، މި ފަހުގެ އަހަރުތަކުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން އުފަލާއެކު ފާހަގަކުރައްވާފަ އެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ދެއްކެވި ވާހަކަފުޅުގައި ވަނީ ކޮވިޑް-19 މެނޭޖްކޮށް، އިގްތިސާދީ ހާލަތު ކުރިއެކޭ އެއްހަމަޔަކަށް އިއާދަކުރުމުން ރާއްޖެ ވަނީ އެހެން ގައުމުތަކަށް ނަމޫނާ ގައުމަކަށް ވެފައި ކަމުގައި ވިދާޅުވެފަ އެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ރާއްޖެއަކީ އިންޑިއާއަށް އެންމެ މުހިންމު އެއް ސަރަޙައްދީ ބައިވެރިޔާކަމުގައި ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގައި އިންޑިއާގެ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވެފަ އެވެ.
ރައީސް ވަނީ އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އެއް ބައިވެރިޔާކަން އެކި ފަހަރުމަތިން ސާބިތުކޮށްދީފައިވާ ކަމުގައި ވިދާޅުވެފަ އެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ކެނޑިނޭޅި ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވި އެވެ.