ކުރިއަށް އޮތް ފިލްމުގެ ޝޫޓިންނަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ލަންޑަށްއަށް ފުރީ އޭނާގެ ހަނގު ދަރިފުޅު ޖެއިން ގޮވައިގެންނެވެ.

ކަރީނާގެ ކުރިއަށް އޮތް ފިލްމަކީ ހަންސަލް މެހްތާގެ ކްރައިމް ތުރިލާ އެކެވެ. ކަރީނާ މި ފިލްމުގައި ފެނިގެންދާއިރު، މި ފިލްމާ ބެހޭ އިތުރު މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކަރީނާ ވަނީ ޖެއިންއާ އެކު ލަންޑަނުގައި ނަގާފައިވާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. މީގެ ކުރިން ވެސް ކަރީނާ ވަނީ އޭނާގެ ދަރިން ގޮވައިގެން ޝޫޓިންނަށް ގޮސްފަ އެވެ.

މީގެ ކުރިން އެތަށް ފަހަރެއްގެ މަތިން ކަރީނާ ވަނީ އޭނާ އެންމެ އިސްކަމެއް ދެނީ އާއިލާއަށް ކަމަށް ވަނީ ބުނެފަ އެވެ. އަދި ވީހާ ވެސް ގިނަ ވަގުތު ދަރިންނާއެކު ހޭދަކުރެވޭތޯ ބަލާ ކަމަށް ވަނީ ބުނެފައި އެވެ. އޭގެ އިތުރުން މިހާރު ފިރިމީހާ އެކްޓަރު ސައިފް އަލީ ހާން އާ ދެ މީހުން އުޅޭނީ ކުދިންގެ ކަންތަކުގައި ބަހައިލައިގެން ކަމަށް ވެސް އޭނާ ވަނީ ބުނެފައި އެވެ.

ސައިފް ޝޫޓިންތަކުގައި ބިޒީކޮށް އުޅޭއިރުގައި އޭނާ ކުދިން ބަލަން ހުންނަ ކަމަށާއި އަދި އޭނާ ބިޒީއިރުގައި ކުދިން ބަލަން ހުންނަނީ ސައިފް ކަމަށް ކަރީނާ ވަނީ ބުނެފަ އެވެ. އަދި ލަންޑަނަށް ކުޑަ ދަރިފުޅު ގޮވައިގެން ދިޔައީ ބޮޑު ދަރިފުޅު ތައިމޫރު ބެލުން ސައިފް އާއި ހަވާލުކޮށްފައި ކަމަށް ވެސް ކަރީނާ ބުނެފައިވެ އެވެ.

ސައިފް އާއި ކަރީނާ ކައިވެނި ކުރީ 2012 ވަނަ އަހަރު އެވެ.

އެ މީހުންނަށް އަލަތު ދަރިއަކު ލިބުނީ 2016 ވަނަ އަހަރު އެވެ. އެއީ މިހާރު 5 އަހަރުގެ ތައިމޫރު އެވެ. ދެވަނަ ދަރިއަކު އެ ދެ މީހުންނަށް ލިބުނީ 2021 ވަނަ އަހަރު އެވެ.

ކަރީނާ ކަޕޫރު އެންމެ ފަހުން ފެނިގެން ދިޔައީ އާމިރު ޚާންއާއެކު ލާލް ސިންގް ޗައްދާ އިންނެވެ. ހަންސަލް މެހެތާ ފިލްމުގެ އިތުރުން ވިޖޭ ވަރްމާ އާއި ޖައިދީޕް އަހްލާވަތު ލީޑް ރޯލުން ފެނިގެންދާ ސުޖޯއީ ގޯޝްގެ "ދަ ޑިވޮޝަން އޮފް ސަސްޕެކްޓް އެކްސް" އިން ވެސް ކަރީނާ ފެނިގެންދާނެ އެވެ. އަދި ރިއާ ކަޕޫރާ އެކު ޕްރޮޖެކްޓެއްގައި ވެސް ކަރީނާ ވަނީ ސޮއިކޮށްފަ އެވެ.