ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސްމާޓް ސިޓީ ބްރޭންޑް، ސްމާޓް ކޮމްއިން ސާނަވީ މަރުހަލާގެ ކޮމްޕިއުޓާ ސައިންސް މާއްދާ ކިޔަވާ ދަރިވަރުންނަށް ސްޓަޑީ ޓުއާއެއް އިއްޔެ ބާއްވައިފި އެވެ.
އެޗްޑީސީން ބުނީ މި ސްޓަޑީ ޓުއާއަކީ ހުޅުމާލެއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމުގެ ގޮތުން އެކަމުގެ އަމަލީ މަސައްކަތް އެޗްޑީސީން ފެށިތާ އެއް އަހަރު ފާހަގަކުރުމުގެ މުނާސަބަތުގައި ހުޅުމާލޭގެ ކޮމިއުނިޓީތަކަށް އަމާޒުކޮށްގެން ބޭއްވޭ ތަފާތު ހަރަކާތްތަކުގެ ތެރެއިން އެއް ކަންތައް ކަމަށެވެ.
އެ ކުންފުނިން ބުނީ ޖުމްލަ 20 ކުދިން ހިމެނޭ ހެން ހުޅުމާލޭގައި ސާނަވީ ފެންވަރަށް ކިޔަވާދޭ ހަތަރު ސްކޫލު ކަމަށްވާ ރެހެންދި ސްކޫލް، ހުރަވީ ސްކޫލް، ޣާޒީ ސްކޫލް އަދި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުން މި ސްޓަޑީ ޓުއާގައި ބައިވެރިވި ކަމަށެވެ. އަދި މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދު ތަކުގެ ތެރޭގައި، ސްމާޓް ކޮމް ބްރޭންޑް އަދި ސްމާޓް ސިޓީ ޕރޮޑަކްޓްތައް ދަރިވަރުންނަށް ތައާރަފުކޮށްދީ ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިނުން، ކޮމްޕިއުޓާ ސައިންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ކުދިން އިތުރަށް ޝައުގުވެރި ކުރުވުން ފަދަ ކަންކަން ހިމެނޭ ކަމަށް އެޗްޑީސީން ބުންޏެވެ.
"މިގޮތުން މި ޓުއާގައި ސްމާޓް ސިޓީގެ މަސައްކަތްތަކާ ބެހޭ ގޮތުން ބައިވެރިވި ދަރިވަރުންނަށް ޕްރެޒެންޓޭޝަންއެއް ދިނުމާއި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ގާއިމުކޮށްފައިވާ ސްމާޓް ޕޯލް އަދި ބެންޗް ދައްކާލުމާއި، އެޗްޑީސީގެ ޓެލެކޮމް ޓަވަރުތައް ދައްކާލުން ހިމެނު. މީގެ އިތުރުން، ސްމާޓް ސިޓީއަކަށް ހުޅުމާލެ ހެދުމަށް ބޭނުންވާ އަސާސީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ކަމަށްވާ ޖީޕޮން ނުވަތަ އޯޕަން އެކްސެސް ނެޓްވޯކާ ބެހޭ މައުލޫމާތު ދިނުމާއި މި ވިއުގައިގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރާ ސްމާޓްކޮމްގެ ނެޓްވޯކް އޮޕަރޭޝަންސް ސެންޓަރގެ މަސައްކަތްތައް ދައްކާލުމާއި އަދި ގޭގެއަށް ނުވަތަ ފްލެޓުތަކަށް ފައިބާ ޓު ދަ ހޯމް، ނުވަތަ އެފްޓީޓީއެޗް ކަނެކްޝަން ދިނުމަށް ބޭނުންކުރާ އޯއެންޓީ ގުޅާނެ ގޮތްފަދަ އަމަލީ ކަންކަން ކުދިންނަށް ދައްކާލުން ވެސް ހިމެނު،" އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނިގޮތުގައި އެ ކުންފުނިން ކުރިއަށް ގެންދާ އެހެނިހެން ކަންކަން ފަދައިން ސްމާޓް ސިޓީގެ މަސައްކަތް ތަކަކީ ކޮމިއުނިޓިއާ ވަރަށް ބޮޑަށް ގުޅިގެން ކުރެވޭ ކަންކަމެވެ. އަދި ތައުލީމީ ދާއިރާއަކީ ވެސް ޒަމާނީ ސްމާޓް ސިޓީއެއްގެ މުހިއްމު ރޯލެއް އަދާކުރާނެ ދާއިރާއަކަށް ވާތީ މިފަދަ ހަރަކާތްތަކަކީ މުސްތަގްބަލުގައި ސްމާޓް ސިޓީއަކަށް ބޭނުންވާ ހުނަރުވެރިން އުފެއްދުމަށް މުހިއްމު ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ގިނަ ޤައުމެއްގައި ސުމާޓް ސިޓީއެއް ތަރައްޤީއެއްނުވާނެ ، މިދިޔަ 100 އަހަރު ތެރޭގައިވެސް ވެރިން ވައްކަންކުރީ އެމީހުން ރަގަޅަށް ޤައުމު ހިންގިނަމަ މިތަން އޮންނާނީ ތަރައްޤީވެފައި ސުމާޓް ސިޓީގޮތަށް !