ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ޑިޖިޓަލް ކޮންޓެންޓަށް ހާއްސަ ގޮފި ދަރުމެޓިކް އެންޓަޓައިންމަންޓްގެ ތައްގަނޑުގައި ގެނެސްދޭ "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް"ގައި ފެނިގެންދާ ތަރިން ރާއްޖޭގައި އަންނަނީ ޗުއްޓީ ހޭދަކުރަމުންނެވެ.

އެގޮތުން މިސީރީޒްގައި ފެނިގެންދާ އެކްޓަރު ސަމީރު ސޯނީގެ އަނބިމީހާ، އެކްޓްރެސް ނީލަމް ކޮތާރީ އާއި، މަޝްހޫރު އެކްޓަރު ސަންޖޭ ކަޕޫރުގެ އަނބިމީހާ މަހީޕް ކަޕޫރް، އަދި މަޝްހޫރު އެކްޓަރު ޗަންކީ ޕާންޑޭގެ އަނބިމީހާ ބާވްނާ ޕާންޑޭގެ އިތުރުން، އެކްޓަރު ސޮހައިލް ހާންގެ ކުރީގެ އަނބިމީހާ ސީމާ ސަޖްދާ އެވެ.

ނެޓްފްލިކްސް އިން ދައްކަމުންދާ "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" އަކީ ބޮލީވުޑްގެ ބޮލީވުޑްގެ އެކްޓަރުންތަކެއްގެ އަނބިންގެ ވާހަކަ ކިޔައިދޭ ސީރީޒެކެވެ. މި ސީރީޒްގެ ކާމިޔާބު ދެ ސީޒަންއެއް ގެނެސްދީފައިވާއިރު މިހާރު އަންނަނީ މިސީރީޒްގެ ތިން ވަނަ ސީޒަން ޝޫޓު ކުރަމުންނެވެ.

މިފަހަރުގެ ސީޒަންގެ ބައެއް މަންޒަރުތައް ރާއްޖޭގައި ވެސް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ބޮލީވުޑް ވައިވްސްއިން ފެނިގެންދާ ހަތަރު ބަތަލާއިން

އުމުރުން 55 އަހަރުގެ ބާވްނާއަކީ މިހާރު ކުރިއަރަމުން އަންނަ ބަތަލާ އަނަންޔާ ޕާންޑޭގެ މަންމަ އެވެ.

އުމުރުން 52 އަހަރުގެ ނީލަމް އަކީ 90 ގެ އަހަރުތަކުގައި މަޝްހޫރުވި މޮޅު އެކްޓަރެއް ނަމަވެސް ކައިވެނިކުރުމާއި ދަރިއަކު ލިބުމުން ފިލުމްތަކާ ދުރުގައި ހުރި ތަރިއެކެވެ. ނަމަވެސް މިފަހުން އަނެއްކާ ވެސް އެކި ރޯލުތަކުން ވަނީ ފެންނަން ފަށައިފަ އެވެ. އޭނާގެ ހުންނަނީ އެންމެ ކުއްޖެކެވެ.

އުމުރުން 49 އަހަރުގެ މަހީޕް އަކީ އެކްޓަރު ސަންޖޭގެ އަނބިމީހާ އެވެ. އޭނާ ކުރިން ބޮލީވުޑުގެ ބައެއް ލަވަތަކުން ފެނުނަމަވެސް ކައިވެންޏަށްފަހު ބޮލީވުޑް އިންޑަސްޓްރީއާއި ހުރީ ދުރުގަ އެވެ.

އޭނާ އަކީ ކަރަން ޖޯހަރުގެ ފިލުމަކުން އެކްޓިންގެ ދާއިރާއަށް ތައާރަފުކުރަން ތައްޔާރުވަމުންދާ ބަތަ؛ާ ޝަނާޔާގެ މަންމަ އެވެ. ޝަނާޔާގެ އިތުރުން އެދެމަފިރިންގެ ފިރިހެން ކުއްޖެއް ހުރެ އެވެ.

އުމުރުން 45 އަހަރުގެ ސީމާ އަކީ ސަލްމާން ހާންގެ ކޮއްކޮ ސޮހައިލް ހާންގެ އަނބިމީހާ އެވެ. އޭނާއަކީ ފެޝަން ޑިޒައިނަރެކެވެ. ސޮހައިލް އާއި ކައިވެނި ރޫޅި ސިންގަލްކޮށް ހުރިނަމަވެސް ސޮހައިލް އާއި ސީމާގެ ކައިވެންޏަށް ހަތަރު ކުދިން ވަނީ ލިބިފަ އެވެ.

މިވަގުތު ރާއްޖޭގައި ކުރަމުންދާ ޝޫޓިންގެ ތެރެއިން ބައެއް މަންޒަރުތައް އެމީހުން ސޯޝަލް މީޑިއާގައި ދަނީ ހިއްސާކުރަމުންނެވެ. މި މީހުން ތިބީ ޖުމެއިރާ މޯލްޑިވްސް ރިސޯޓުގަ އެވެ.

ހަތަރު މީހުންނާއިއެކު ނަނގާފައިވާ އެކި ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކޮށް އެމީހުން ބުނެފައިވަނީ މަސައްކަތުގެ ދަތުރެއް ނަމަވެސް އިހުސާސްވަނީ "ސަޅި ވެކޭޝަނެއް" ގެ ގޮތުގައި ކަމަށެވެ.

މިފަހަރުގެ ސީޒަންގައިވެސް ހަތަރު އެކްޓަރެއްގެ އަނބިންގެ "ޕޮޝް" އަދި "ގްލެމަރަސް" ލައިފްސްޓައިލް ދައްކާނެ އެވެ.