މިއަހަރު ބޮކްސް އޮފީހުގައި އެންމެ ބޮޑު ކާމިޔާބީ އެއް ހޯދި އެސްއެސް ރާޖަމޯލީ ޑައިރެކްޓްކުރި "އާރްއާރްއާރް" އަށް 50 ވަނަ ސެޓާން އެވޯޑްސްގެ އެންމެ މޮޅު ބައިނަލްއަގްވާމީ ފިލްމުގެ އެވޯޑް ލިބިއްޖެ އެވެ.

"އާރްއާރްއާރް" ވަނީ ބެސްޓް އިންޓަނޭޝަނަލް ފިލްމާއި ބެސްޓް އެކްޝަން އެޑްވެންޗާ އަދި ބެސްޓް ޑައިރެކްޓަރު ފަދަ އެތައް ކެޓަގަރީއަކުން ނޮމިނޭޓްވެފަ އެވެ. މި ކެޓަގަރީތަކުން "އާރްއާރްއާރް" ވާދަކޮށްފައިވަނީ ހޮލީވުޑްގައި ކާމިޔާބުތަކެއް ހޯދާފައިވާ ބޮޑެތި ފިލްމުތަކާއެކު އެވެ. އެގޮތުން "ޓޮޕް ގަން: މެވަރިކް" އާއި ސްޕައިޑާ މޭން: ނޯ ވޭ ހޯމް" ފަދަ ފިލްމުތަށް ނޮމިނޭޝަން ތެރޭގައި ހިމެނެ އެވެ.

މިއެވޯޑް ލިބުމާ ގުޅިގެން ރާޖަމޯލީ ބުނީ މިފަދަ އެވޯޑެއް ލިބުމުން އުފާކުރާ ކަމަށާއި ބެލުންތެރިންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

"އާރްއާރްއާރް" ކާސްޓް ތެރޭގައި ސައުތު އިންޑިއަށް ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު ދެ ތަރިން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އާލިއާ ބަޓާއި އަޖޭ ދޭވްގަން ހިމެނެ އެވެ.

ގާތްގަނޑަކަށް 400 ކްރޯޑް ރުޕީސް (53 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ "އާރްއާރްއާރް" އަކީ ފަސް ބަހަކުން ގެނެސްދީފަ އެވެ. އެއީ ހިންދީ، ތެލެގޫ، ތަމަޅަ، މަލަޔާޅަމް އަދި ކަންނާޑާ އެވެ.

އާރުއާރު އިން ވަނީ ބޮކްސް އޮފީހުގައި 1000 ކްރޯޑަށް ވުރެ ގިނަ ރުޕީސް ހޯދާފަ އެވެ.