ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރާއި ވައްތަރު ކުއްޖެއް ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
ނީރަވް ބަޓް ނަމަކަށް ކިޔާ މި ކުއްޖާ ލަވައެއް ކިޔަނިކޮށް ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑީއާގައި ވަނީ ވައިރަލް ވެފަ އެވެ. ނީރަވްގެ އިންސްޓަގްރާމް ބައޯގައި ބުނެފައިވާ ގޮތުގައި އޭނާއަކީ މޮޑެލްއެކެވެ. އަދި ކުޑަ ރަންބީރު ކަޕޫރުގެ ގޮތުގައި މީހުން އޭނާ ބަލައިގަންނަ ކަމަށް ވެސް ބުނެފައިވެ އެވެ.
ވައިރަލް ވީޑިއޯ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާއިރު އެ ވީޑިއޯއަށް 4 މިލިއަނަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފަ އެވެ. ނީރަވްގެ ވީޑީއޯ ވައިރަލް ވުމުން ކޮމެންޓުކުރި ބައެއް މީހުން އެދިފައި ވަނީ ރަންބީރުގެ ފިލްމުތަކުގައި އޭނާގެ ކުޑައިރުގެ ރޯލު ދައްކާނަމަ އެ ރޯލަށް ނީރަވް ލުމަށެވެ.
ނީރަވް ކުޅެފައިވާ އިޝްތިހާރެއް ރަންބީރުގެ އަންހެނުން އަދި ފިލްމީ ތަރި އާލިއާ ބަޓްގެ ލޮލުގައި ވެސް އަޅައިގަނެ، އޭނާ ވަނީ މި އިޝްތިހާރު ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. އެހެންކަމުން ނީރަވް އާއި ރަންބީރު އެއްވައްތަރުކަން އާލިއާ އަށް ވެސް އިހްސާސް ކުރެވިފައިވާ ކަމަށް ފޭނުން ބުނެފައިވެ އެވެ.
މީގެ ކުރިން ވެސް ރަންބީރު އާއި ވައްތަރު މީހަކު ވަނީ ފެނިފަ އެވެ. އެއީ ޖުނައިދު ޝާހް ނަމަކަން ކިޔާ މީހެކެވެ.
އުމުރުން 28 އަހަރުގައި ޖުނައިދު ޝާހް ވަނީ ހިތް ހުއްޓިގެން މަރުވެފަ އެވެ. ޖުނައިދު މަރުވިއިރު އޭނާ ގެންދިޔައީ ފިލްމު ކުޅޭހިތުން އަނޫޕަމް ކޭރްގެ އެކްޓިން ސްކޫލަށް ވަދެ ކިޔަވަމުންނެވެ.