ވޮޝިންޓަން (14 ޑިސެމްބަރު) - އެމެރިކާގައި އެންމެ ފުރަތަމަ ކޮވިޑް ވެކްސިން ލިބޭނީ ވައިޓް ހައުސްގައި މަސައްކަތްކުރާ އިސް އޮފިޝަލުންނަށް ކަމަށް ހާމަވެއްޖެ އެވެ.

ކޮވިޑް ވެކްސިން ދިނުމުގެ ހުއްދަ އެމެރިކާގައި ހޮނިހިރު ދުވަހު ވަނީ ދީފަ އެވެ. ނަމެވެސް ހުއްދަ ދެވުނީ އެމަޖެންސީގައި އެންމެ ހާލުބޮޑު މީހުންނަށް ފުރަތަމަ ވެކްސިން ދިނުމަށެވެ.

ޓްރަމްޕް އެޑްމިނިސްޓްރޭޝަންގެ އޮފިޝަލަކު ވިދާޅުވިގޮތުގައި ވައިޓްހައުސްގެ އޮފިޝަލުންނަށް ވުރެ ކުރިން އިންޓެންސިވް ކެއާގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް މި ވެކްސިން ދިނުމަށް އިސްކަންދެވޭނެ އެވެ. ވައިޓްހައުސްގެ މަސައްކަތްކުރާ އިސްއޮފިޝަލުން ވެސް މި ލިސްޓްގައި ހިމެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި ސަރުކާގެ ތިން ބްރާންޗްގެ އިސް އޮފިޝަލުންނަށް ވެކްސިން ދެނީ ސަރުކާރު ހިންގުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިވިޔަ ނުދިނުމަށެވެ. އަދި މިކަމަކީ އެގްޒެކެޓިވް ޕޮލިސީގައިގައި ބަޔާންކޮށްފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވައިޓްހައުސްގެ ގިނަ ސްޓާފުންވަނީ ކޮވިޑް ރޯގާ ޖެހިގެން ދޭރެދޭތެރެއިން ކަރަންޓީން ކޮށްފަ އެވެ.

ރައީސް ޓްރަމްޕް ވެސް ވަނީ މި ރޯގާގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފަ އެވެ. ކްރިސްމަސް އާއި ދިމާކޮށް ވައިޓްހައުސްގައި ގިނަ ފާޓީތަކާއި ހަފްލާތަކެއް ކޮވިޑް ގައިޑްލައިންތަކާއި ހިލާފަށް ބާއްވަމުން ގެންދާކަމަށް މައުލޫމާތު ލިބެ އެވެ. - ސީއެންއެން