އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުންނަ މ. ނިރުފެހިގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް މާލޭގައި ހިނގި އެންމެ ނުރައްކާތެރި އެއް އަލިފާނުގެ ހާދިސާއެކެވެ. މިއީ މިފަދަ ހާދިސާއެއްގައި އެންމެ ގިނަ މީހުން މަރުވި ފަހަރެވެ.

މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަލިފާނުގެ ހާދިސާގައި 11 މީހުން މަރުވެފައިވާއިރު، އެތައް ބަޔަކަށް ވަނީ ގެއްލުން ލިބިގެން ގޮސްފަ އެވެ.

އަލިފާނުގެ ހާދިސާ ހިނގި ގޭގެ ތިރީގައި ގަރާޖެއް ހުންނައިރު މަތީ ދެ ފަންގިފިލާގައި ދިރިއުޅެނީ ބިދޭސީންނެވެ. މައިގަނޑު ގޮތެއްގައި ދިރިއުޅުނީ އިންޑިއާ އާއި ސްރީލަންކާ އަދި ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހިގޭގެ ހާލަތަށް ބަލާއިރު އެ ގެއަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ގެއެއް ނޫނެވެ. ލަކުޑި ޑެކް އަޅައިގެން ހަދާފައިވާ ތަނުގައި ހުރި ކޮޓަރިތަކުގައި މުޅިންހެން ދިރިއުޅެމުން ދިޔައީ ބިދޭސީން ދިރިއުޅެ އެވެ.

ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު.. ފޮޓޯ: މިހާރު

ފިލައިން ޑެކް އަޅައިގެން މަތީގައި ދިރިއުޅުނު މީހުންގެ ތެރެއިން އަލިފާން ރޯވުމާ އެކު ސަލާމަތުން ނިކުމެވުނީ މަދު ބަޔަކަށެވެ. މި ހާދިސާގައި ގިނަ ބަޔަކު މަރުވާން މެދުވެރިވީ ތަނުގެ ހާލަތު ހުރި ގޮތުން ބޭރަށް ނުނިކުމެވި ތާށިވެގެނެވެ. އަލިފާން ފުރަތަމަ ރޯވި ގޮތަށް ސިޑީގައި އަލިފާން ހިފައި ސިޑި އެއްގޮތް އެދުމުގެ ސަބަބުން ގިނަ ބަޔަކު ގޭތެރޭގައި ތާށިވުމަށް މެދުވެރިވި އެވެ. އަދި ދުމާއި ކެމިކަލްގެ ވަހުން ހާސްވެގެން ކަމަށް ގަބޫލުކުރެވެ އެވެ.

މ. ނިރުފެހިގޭގެ އަވަށްޓެރިން ބުނާ ގޮތުގައި އަލިފާން ރޯވީ ގޭގެ ތިރީގައި ހުރި ގަރާޖެއްގަ އެވެ. އެ ގަރާޖަކީ މިދިޔަ މާޗު މަހުގެ ތެރޭގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގި ތަނެކެވެ. އެގަރާޖުގެ މަތީބައިގައި ބިދޭސީން، ނިދާ ކައިބޮއި ހަދައި ދިރިއުޅެ އެވެ. ބެލެވޭ ގޮތުގައި މި ހާދިސާ ހިނގި އިރު ގިނަ މީހުން ތިބީ ނިދާފައެވެ. ގާތްގަޑަކަށް 40އަށްވުރެ ގިނަ ބިދޭސީން އެތާ އުޅޭ ކަމުގެ މަޢުލޫމާތު ވަނީ ލިބިފަ އެވެ.

ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު.. ފޮޓޯ: މިހާރު

ކައްކައި ކެވޭ ގޮތަށް ހުންނަ އެ ގަރާޖުގައި ބަންކް ބެޑް ހުންނަ އިރު ގިނަ މީހުން ނިދަނީ ބިންމަތީގައި ކުނާ ފަތުރައިގެން ކަމަށް އެނގިފައިވެއެވެ. އެ ތަން އޮންނަނީ ބޮޑު ހޯލެއްހެން ކަމަށް އެތަނުގެ އެތެރެ އޮތް ގޮތް ދުށް މީހަކު ބުނެފައިވެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގޭގައި ޖުމްލަ 28 ގޭސް ފުޅި ހުރި އެވެ.

އެ ސަރަހައްދުގައި އެ ވަގުތު ހަރަކާތެތެރިވި ބައެއް މީހުން މައުލޫމާތުދިން ގޮތުގައި އެތަނުން އެމީހުންނަށް ނުނިކުމެވިގެން ވަރަށް ބާރަށް ރުއި އަޑު އިވުން ކަމަށެވެ. އަލިފާން ރޯވި ގަރާޖުގައި އާންމުކޮށް ކުރާ މަސައްކަތަކީ ކަރަންޓް ނަރު ފަދަ ބާ ނަރު ގަނެގެން އޭގެ ކޮއިލް ދެމުމާއި އެ ޒާތުގެ މަސައްކަތްތަކެވެ.

ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު.. ފޮޓޯ: މިހާރު

އަލިފާނުގެ ހާދިސާ ހިނގި ތަނުގައި ދިރިއުޅުނު މީހުންގެ އެކުވެރިން ދަނީ އެ މީހުންގެ އެހެން އެކުވެރިންނާއި އަވަށްޓެރިން ކޮބައިތޯ ހޯދައި ބަލަމުންނެވެ. އެކަމަކު އެކުވެރިޔާ ހޯދުމަށް ކުރަންވީ މަސައްކަތެއް ނޭނގި ގޮސް ހުސްވެފައި ތިބި ބިދޭސީންތަކެއް ވެސް ފެނުނެވެ. މަރުވި މީހުންނަކީ ކޮން ބައެއްކަން އަދިވެސް މުޅިން ސާފު ނުވާތީ ސަލާމަތްވި ބިދޭސީންނަށް އޮތް ކަންބޮޑުވުން ބޮޑެވެ.

ބިދޭސީންގެ އެކުވެރިން ތިބީ އެމީހުންގެ އެކުވެރިޔާ ހެޔޮ ހާލުގައި ހުއްޓާ ފެންނާނެ ކަމުގެ އުންމީދު ގަ އެވެ. ރޯވެ އަނދާފައިވާ ހަށިގަނޑުތަކުން އެއީ އަންހެނެއްކަން ނުވަތަ ފިރިހެނެއް ކަން ވަކި ކުރަން ނޭނގޭތީ ބިދޭސީން ތިބީ އެކުގައި ދިރިއުޅުނު އެ މީހުންގެ އެކުވެރިން ފެންނާނެ ކަމުގެ އުއްމީދުގަ އެވެ.

ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާދިސާ އާއި ގުޅިގެން މައުލޫމާތު ދިނުމުގައި ލަސްތަކެއް އުޅޭތީ ގިނަ ބަޔަކު އެކަމާއިވެސް ނުރުހުން އަންނަނީ ފާޅުކުރަމުންނެވެ.

ނިޔާވި މީހުންގެ ހަށިގަނޑުތައް މިހާރު އޮތީ ގަލޮޅު ސަހަރާގަ އެވެ. އެ ސަރަހައްދުގައި ވެސް ގިނަ ބިދޭސީ އަންނަނީ ހަރަކާތެރިވަމުންނެވެ. އެމީހުންގެ އާއިލާ މީހުންނާއި ރައްޓެހިގެން މައުލޫމާތު ހޯދުމަށެވެ. އެހެން ނަމަވެސް އެމީހުންނަށް މަރުވެފައިވަނީ ކޮންމެ ބައެއްކަން ކަމާބެހޭ ފަރާތްތަކުން އަދިވެސް ހާމައެއް ނުކުރެ އެވެ.

ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު.. ފޮޓޯ: މިހާރު

މ. ނިރުފެހިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 12:30 ގަ އެވެ. އަލިފާންގަޑުގެ 90 އިންސައްތަ ކޮންޓްރޯލް ކުރެވުނީ ފަތިހު 4:00 ހާއިރު އެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 4:34 ހާއިރު އެވެ.

އެމްއެންޑީއެފް އިން އެ އަލިފާންގަނޑު ކޮންޓްރޯލްވެއްޖެ ކަމަށް ދަންވަރު 2:00 ހާއިރު ބުނިއިރު، އެތަނުގައި ބަޔަކު މަރުވި ކަމެއް ނުބުނެ އެވެ. އަދި ބެލެވޭ ގޮތުގައި އެމްއެންޑީއެފް އިން ފުރަތަމަ މަސައްކަތްކުރީ އިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމަށެވެ. އަދި މަރުވެފައި ތިބި މީހުންގެ ހަށިގަނޑު ނެރެން ފެށީ ފަތިހު 5 ޖަހާކަންއިރު އެވެ.

މި ހާދިސާގައި އެމްއެންޑީއެފް އިން ކިތަންމެ އަވަހަށް ރެސްޕޮންޑްކުރި ނަމަވެސް މި ހާދިސާގައި މިހާ ގިނަ ބަޔަކު މަރުވީ އެމްއެންޑީއެފްގެ ފަޔަރުން އެތަނުގައި ތިބި މީހުން ނުނެރެވި ލަސްވުމުންނެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާލޭގެ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުރި އިމާރާތެއްގަ އެވެ. ހާދިސާ ހިނގި ސަރަހައްދުގައި ސިފައިންނާއި ފުލުހުންނާއި ދިވެހި ރެޑްކްރެސެންޓުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެއްވެސް އިދާރާ އަކަށް އަދި ސާފު ނުވާތީ އެ މައުލޫމާތު އިދާރާތަކުން އަދި ހާމައެއް ނުކުރެ އެވެ.

މި ހާދިސާ ހިނގުމާ އެކު އެއް ބަޔަކު އަނެއް ބައެއްގެ ބޮލުގައި އިލްޒާމް އަޅުވަމުންދާއިރު، މިކަމުގައި ޒިންމާވާނެ ބަޔަކު ނުފެނެ އެވެ. މިއީ ކޮންމެ ގޮތެއް ވިޔަސް ބައެއްގެ އިހުމާލުން ގެއްލުނު ފުރާނަތަކެކެވެ.