އައްޑޫ ސިޓީ ހުންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހުގެ ފާރާއި އައްޑޫ ސިޓީ ކައުންސިލް އިދާރާ ހިމެނޭހެން ގިނަ ތަންތަނުގައި "އިންޑިއާ އައުޓް" ޖަހައިފި އެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާ ދެކޮޅަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ ކެމްޕޭނެކެވެ. އައްޑޫ ހިތަދޫ ފާރުތަކުގައި އިންޑިއާ އައުޓް ޖަހާފައި ވަނީ ރައީސް ޔާމީން އެ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވިތަނާ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުގެ ތިބުމާ ދެކޮޅަށް ކުރިއަށްގެންދާ އިންޑިއާ އައުޓް ތެރެއިން ކައުންސިލު އިދާރާގެ ފާރާއި ރައީސް ނަޝީދުގެ އޮފީހުގެ ފާރުގެ އެކި ތަންތަނުގައި ބޮޑުއަކުރުން ކަޅުކުލައިން ވަނީ އިންޑިއާ އައުޓް ސްޕްރޭކޮށްފަ އެވެ.

މީގެ އިތުރުން އައްޑޫގެ މޭޔަރު އަލީ ނިޒާރާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ގޭގެ ފާރުގައި ވެސް ވަނީ އިންޑިއާ އައުޓް ޖަހާފަ އެވެ.

ހިތަދޫ ގެއެއްގެ ފާރުގައި "އިންޑިއާ އައުޓް" ޖަހައިފައި -- ފޮޓޯ: އައްޑޫ ލައިވް

މީގެކުރިން ވެސް މޭޔަރު ނިޒާރުގެ ކާރު އަދި ފެނަކަ ހިތަދޫ އޮފީހުގެ ފާރުގައި ވެސް އިންޑިއާ އައުޓް ސްޕްރޭކޮށްފައިވެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ މިމައްސަލަ ފުލުހުންނަށް ހުށައަޅާފަ އެވެ.

މީގެ ކުރިންވެސް ބައެއް ރަށްރަށުގައި އަދި މާލޭގައި ވެސް މި ކެމްޕޭނުގެ ދަށުން އިންޑިއާ އައުޓް ޖެހުމުން އެ މައްސަލަ ފުލުހުން ބަލާފައި ވެ އެވެ.