ކޮވިޑް- 19ގެ ސަބަބުން މަރުވާ ސްރީލަންކާގެ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީ ގޮތުން ކޮށްދޭން ޖެހޭ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެކަން ކޮށްދީފިނަމަ އެކަންވާނީ އެ ގައުމުގެ ސަރުކާރުން މުސްލިމުންނާމެދު ޢަމަލުކުރަމުންދާ ގޮތަށް ކުރެވޭ ތާއީދެއް ކަމަށެވެ. މިއީ މި މައްސަލައިގައި މިފަދަ މޭރުމަކުން ރައީސް މައުމޫން ކުރެއްވި ދެވަނަ ޓުވީޓެވެ.

ލަންކާގައި ކޮވިޑް 19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމާމެދު ދީނީ ޢީލްމުވެރިންނާ ސިޔާސީ ފަރާތްތަކުގެ ޚިޔާލުވަނީ ތަފާތުވެފަ އެވެ.

އެގޮތުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ކޮވިޑް ޖެހިގެން މަރުވާ ލަންކާގެ ރައްޔިތުން ވަޅުލުމުގެ ފުރުސަތު އެ ގައުމުން ދޭން ޖެހޭ ކަމަށެވެ. އެއީ ލަންކާގެ ކޮންމެ މުސްލިމަކަށް ވެސް އޮތް އިންސާނީ އަދި ދީނީ ހައްގެއް ކަމަށާއި ސަރުކާރަކަށް އެ ހައްގު އަތުލައި ގަނެވޭނީ ކިހިނެއްތޯ ޑރ. ޝަހީމް ސުވާލު ކުރެއްވި އެވެ. އަދި ލަންކާގައި މަރުވާ މުސްލިމަކު ވަޅުލަން އެހެން ތަނަކަށް ގެންދިއުމުގައި ސަރުކާރަށް ނިންމުންތަކެއް ނިންމޭނެތޯ ވެސް ސުވާލު ކުރެއްވި އެވެ.

ކޮވިޑުގައި މަރުވާ މީހުން ރާއްޖެ ގެނެސް ވަޅުލާންޖެހޭ ޝަރުއީ މަސްލަހަތެއް ނެތް ކަމަށް ދީނީ އިލްމުވެރިޔާ ސަލަފް ޖަމިއްޔާގެ ރައީސް ޝައިހް އަބްދުﷲ ބިން އިބްރާހިމް ވެސް ވިދާޅުވި އެވެ.

ނަމަވެސް ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖެ ގެނެސް ރާއްޖޭގައި ވަޅުލުމަކީ މުހިން ކަމެއް ކަމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެ އެވެ. މިނިސްޓަރު ވިދާޅުވާ ގޮތުން އެކަން ކުރުމަކީ މުހިންމު ކަމެކެވެ.

ކޮވިޑް ޖެހިގެން ލަންކާއިން މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖޭގައި ވަޅުލުމުގެ އިންތިޒާމް ހަމަޖައްސައިދޭން ލަންކާގެ ރައީސް ދިވެހި ސަރުކާރުގައި އެދިވަޑައިގެން އެކަމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ސިޓީފުޅެއް ފޮނުއްވާފަ އެވެ.

އެ ސިޓީފުޅާ ގުޅިގެން ރައީސްގެ އިސްނެންގެވުމަށް ސަރުކާރުގެ އިދާރާތަކުގައި ފުޅާ މަޝްވަރާތަކެއް ކުރިއަށް އެބަދެ އެވެ.