ދިވެހި ބަހަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި މއ. މާންދޫގެ، ހަބީބާ ހަސައިން ހަބީބް އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 92 އަހަރުގައި ހަބީބާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށްވެ އެވެ.

ދިވެހި އަދަބިއްޔާތާއި ތާރީޚަށް ގިނަ ޚިދުމަތްތަކެއް ކުރެއްވުމުގެ އިތުރުން ހަބީބާ ވަނީ 50 އަހަރަށް ވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކުރައްވާފަ އެވެ. އެގޮތުން ގައުމީ ކުތުބުޚާނާ ހިންގެވުމުގައި އޭނާ ގިނަ އަހަރުތަކެއް ހޭދަކުރެއްވި އެވެ. ހަބީބާއަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސަޓިފައިޑް ލައިބްރޭރިއަން އެވެ.

ހަބީބާ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ ސެޕްޓެމްބަރު 9، 1930 ގަ އެވެ.

ތިން ކުދިން މަންމަ ހަބީބާގެ މަންމާފުޅަކީ ދެފަހަރެއްގެ މަތިން 32 އަހަރަށް ވުރެ ގިނަދުވަސްވަންދެން ރަސްކަންކުރެއްވި އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ދަރިކަނބަލުން އަލްއަމީރާ ޝަހީމާ ޝަމްސުއްދީންގެ ބޭފުޅެކެވެ. ބައްޕާފުޅަކީ އައްނަބީލް ހުސައިން ހަބީބު (ކަކާގޭ ތުއްތު މަނިއްޕުޅު) އެވެ.

ހަބީބީއަކީ އުރުދޫ ބަހާއި އިނގިރޭސި ބަސް ވެސް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. މިގޮތުން އިންޑިއާ އަދި ސްރީލަންކާގައި ވެސް ހަބީބާ ވަނީ ތައުލީމް ހާސިލްކުރައްވައިފަ އެވެ.

ހަބީބާ އެންމެ ފުރަތަމަ އަދާކުރެއްވީ ސަރުކާރުގެ އެސިސްޓެންޓް ޕްރިސިޕަލް ކަމެވެ. އެ މަގާމު 1956 - 1962 އަށް އަދާކުރެއްވި އެވެ. އޭގެ ފަހުން ޕްރައިމިނިސްޓާ އޮފީހުގެ ސެކްރެޓަރީ ކަމާއި ސްރެކްޓަރީ ޓްރާންސްޕޯޓް ޑިޕާޓްމަންޓް، ސެކްރެޓަރީ އެއިޑް ޑިޕާޓްމަންޓް އޮފް ޖަސްޓިސް ފަދަ މަގާމުތައް އަދާކުރެއްވި އެވެ. 1978 ވަނަ އަހަރުން ފެށިގެން 1995 ވަނަ އަހަރާ ހަމަޔަށް އަދާކުރެއްވީ ގައުމީ ކުތުބުހާނާގެ އެކި މަގާމުތަކެވެ.

ސަރުކާރުގެ އިސްމަގާމުތަކެއް ފުރުއްވަމުން ހަބީބާ ވަނީ ދިވެހި އަދަބިއްޔާތަށާއި ތާރީހަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ހަބީބާ ވަނީ ތަފާތު ފަންނުގެ ފޮތްތަކާއި ލިޔުންތައް ލިޔުއްވައިފަ އެވެ. ލިޔުންތެރިކަމުގެ ތެރެއަށް ހަބީބާ ވަދެވަޑައިގެންނެވީ މީގެ 65 އަހަރު ކުރިން 1954 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ އަހަރު ނުކުތް މުންނާރު ނޫހުންނެވެ. އޭގެ ފަހުން ހަބީބާ ވަނީ ވިޔަފާރި މިއަދު، އަދަބީ ޝުއޫރު، ޖިންސުއްލަތީފް، ހުވަނދު، މޫންލައިޓް، އަމާޒު، ހިޔަލަ އަދި ފަތްރޫތަ ފަދަ މަޖައްލާތަކަށް ލިޔުއްވައިފަ އެވެ.

ހަބީބާ ލިޔުންތެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ ހައިދަރުއާބާދުގައި ކިޔަވާ ވިދާޅުވާން ހުންނެވި ދުވަސްވަރުގަ އެވެ.

ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ ދާއިރާއިން ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން އާންމު ހިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ހަބީބާ ހުސައިން ހަބީބަށް ވަނީ ލިބިވަޑައިގެންފަ އެވެ. އަދި ދިވެހިބަހަށް ތަރުޖަމާ ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1981 ވަނަ އަހަރު ލިބިވަޑައިގެންފައިވެ އެވެ. މިނިވަން 25ގެ އިނާމު ވެސް ލިބިވަޑައިގެންފައިވެ އެވެ. މީގެ އިތުރުން، ނޫސްވެރިކަމުގެ ރަން ގަލަން ވެސް ހަބީބާއަށް ވަނީ ލިބިވަޑައިގެންފަ އެވެ.

އައްނަބީލާ ހަބީބާއަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް އަރުވާފައި ވަނީ 2011 ވަނަ އަހަރު އެވެ.