ކުޅިވަރުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރާއްޖޭގައި މިހާތަނަށް ހަދާފައިވާ ޖާގައިގެ ގޮތުން އެންމެ ތަނަވަސް ޓީޓީ ހޯލް "މާލެ ޓީޓީ ހޯލް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ހުޅުވައިދެއްވައިފި އެވެ.

ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ރާއްޖޭގައި ކުޅިވަރު ތަރައްޤީކޮށް ވަސީލަތްތައް އިތުރުކޮށް ރާއްޖޭގެ ކުޅުންތެރިންނަށް ކުޅިވަރުގެ ދާއިރާއިން ރާއްޖެއާ ރާއްޖެއިން ބޭރުން ފުރުސަތުތައް އިތުރުކޮށްދިނުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ބައިނަލްއަގްވާމީ ތަފާތު އެތައް ކުޅިވަރު މުބާރާތެއް ރާއްޖޭގައި ބާއްވާފައިވެ އެވެ.

މާލެ ޓީޓީ ހޯލު ރަސްމީގޮތުން ހުޅުވައިދެއްވީ ރައީސް ސޯލިހު އެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ނައިބް ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިއަދު ހުޅުވި ޖާގައިގެ ގޮތުން ތަނަވަސް ޓީޓީ ހޯލްގައި ބާރަ ޓީޓީމޭޒު ހިމެނެ އެވެ. މި ސަރުކާރުން 2021 ވަނަ އަހަރު ވަނީ ޓީޓީ ހޯލް އެއް ހުޅުމާލޭގައި ހުޅުވާފައެވެ. އަދި މިއަހަރު ފުވައްމުލައް ސިޓީގައި ވެސް ޓީޓީ ހޯލް އެއްވަނީ ހުޅުވާފަ އެވެ.