މެލޭޝިއާގެ ބޮޑުވަޒީރުގެ މަގާމަށް ދަތޯ ސެރީ އަންވަރު އިބްރާހީމް ހޮވިވަޑައިގެންނެވުމާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމަނިކުފާނަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަރުހަބާ މެސެޖުގައި، އަންވަރު އިބްރާހީމްގެ ލީޑަޝިޕްގެ ދަށުން މެލޭޝިއާގެ ރައްޔިތުންނަށް އުފާފާގަތިކަމާއި ކާމިޔާބީއަށް އެދިވަޑައިގެންނެވި އެވެ. އަދި ރާއްޖެއާއި މެލޭޝިޔާއާ ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ބައިނަލްއަޤްވާމީ މުހިންމު ކަންކަމުގައި މެލޭޝިޔާގެ އާ ބޮޑުވަޒީރާއި، މެލޭޝިޔާ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެއްވުމަށް އުއްމީދުކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވަނީ މެލޭޝިޔާގެ އާ ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތަކަށް އެދިވަޑައިގަންނަވާފަ އެވެ. އަދި އެމަނިކުފާނުގެ މެސެޖުގައި މެލޭޝިޔާގެ ރައްޔިތުންނަށް ފާގަތިކަމާއި ކުރިއެރުމަށް ވެސް އެދިވަޑައިގެންނެވި އެވެ.
މެލޭޝިޔާގެ އައު ބޮޑުވަޒީރު ކަމުގެ މަޤާމާ އަންވަރު ހަވާލުވެ ވަޑައިގެން ހުވާކުރައްވަފައިވާއިރު، 1990 ގެ އަހަރުތަކުގެ ތެރޭގައި އަންވަރު ވަނީ މެލޭޝިޔާގެ ބޮޑުވަޒީރުގެ ނައިބުގެ މަގާމު ފުރުއްވާފަ އެވެ. ބޮޑުވަޒީރަކަށް ވުމަށް އޭނާ މަސައްކަތް ކުރައްވާތާ މިހާރު 30 ހަކަށް އަހަރުވެއްޖެ އެވެ. އަންވަރު އެ މަގާމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮތީ ވެރިރަށް ކުއަލަލުމްޕޫރުގައި ހުންނަ ގައުމީ ގަނޑުވަރުގަ އެވެ.
ރާއްޖެއާއި މެލޭޝިއާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ 1968 ވަނަ އަހަރުގަ އެވެ. އޭރުން ފެށިގެން ދެ ގައުމުގެ ދެމެދުގައި ބަދަހި ގުޅުމެއް އޮންނައިރު، މެލޭޝިއާ އަކީ މިހާރު ވެސް ގިނަ ދިވެހިންތަކެއް ދިރިއުޅެމުން އަންނަ ގައުމެކެވެ. އަދި ދިވެހިންގެ މެދުގައި މަޝްހޫރު ޓޫރިސްޓް މަންޒިލެއް ވެސް މެއެވެ. މިގެ އިތުރަށް ވެސް ދެ ގައުމުގެ ދެމެދުގައި ވިސާ ހޯދުމުގެ ލުއި ފަސޭހަތަކާއި، ތައުލީމީ ދާއިރާއިން ސްކޮލަޝިޕްތައް ދިނުމާއި އެހެނިހެން ގޮތް ގޮތުން ވެސް އެކި ދާއިރާތަކުން އަންނަނީ އެއްބާރުލުން ދެމުންނެވެ.