ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާން ކުރި ހުކުމް ބާތިލުކުރި ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމި ހަބަރު ލިބިވަޑައިގެންފައިވާ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

މަހާޒު މިހެން ވިދާޅުވީ ފަނޑިޔާރުންގެ ޖަމްއިއްޔާގެ ވައިބާ ގުރޫޕަށް ކުރެއްވި މެސެޖެއްގަ އެވެ.

މަހާޒާ ގުޅޭ މައްސަލައެއް އެމްޑީޕީގެ އެކްޓިވިސްޓަކު ޖޭއެސްސީއަށް ހުށަހެޅިކަން އެނގިގެން އެ މައްސަލަ ހުށަހަޅާފައިވޭތޯ ސުވާލުކުރުމުން ވިދާޅުވީ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފުސީލު ނުދެއްވާ ކަމަށެވެ. އެހެންނަމަވެސް މަހާޒާ ގުޅޭ މައްސަލައެއް ބަލަމުންނުދާކަން ޔަގީންކޮށްދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ނިންމި ހަބަރު ލިބިވަޑައިގެންފައިވާކަން ހާމަކުރައްވަމުން އެ މެސެޖުގައި މަހާޒް ވިދާޅުވީ އޭނާ ސުލޫކާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. ނަމަވެސް، ޖޭއެސްސީއަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހާޒް ވިދާޅުވި ގޮތުގައި ފަނޑިޔާރުކަމުގެ މަގާމުގައި ދެމިހުންނެވުމަށް އެއްވެސް މީހެއްގެ ގާތުގައި އެދޭނެ އެދުމެއް ނުވަތަ ކުރާނެ ކަމެއް ނޯންނާނެ ކަމަށެވެ. މި ވީހާ ތަނަށް ފަނޑިޔާރެއްގެ މަސްއޫލިއްޔަތު އަދާކުރައްވާފައި ވާނީ ވީ އެންމެ ފުރިހަމައަށް، ފަރުވާތެރިކަމާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ.

"ފަނޑިޔާރުކަމުގައި ނިންމި ހުރިހާ ނިންމުމަކަށް، ނިންމުމެއްގައި ހިމެނޭ ކޮންމެ އަކުރަކަށް، ފިއްޔަކަށް ވަކިވަކިިން ފުރިހަމައަށް ޒިންމާ ނަގަން،" މަހާޒް ވިދާޅުވެފައިވެ އެވެ.

ޑްރަގް ކޯޓުގައި ހުންނަވަނިކޮށް، 2019 އަހަރު ނޮވެމްބަރު 4ގައި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރި އިރު އެ ކޯޓަށް އައްޔަންކުރި މަހާޒަކީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައި އޮތް ފަސް އަހަރުގެ ޖަލު ހުކުމް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބާތިލްކުރި ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގައި އިއްވި ހުކުމް ބާތިލުކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް ފާޑުވިދާޅުވެ، އެ މަނިކުފާނު މިނިވަންކޮށް ހުންނަވައި ކުރިއަށްގެންދަވާ "އިންޑިއާ އައުޓް" ކެމްޕޭނު ނުހުއްޓުވައިފި ނަމަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ކުރިން ދެއްވާފައިވެ އެވެ.