ނިއުދިއްލީ (17 ޑިސެމްބަރު)- އިންޑިއާގައި ގޮތް ނޭނގޭ ބަލި ފެތުރެމުންދަނީ އެ ސަރަހައްދުގެ މީހުން ބޭނުންކުރި ކިރުގެ ސަބަބުން ކަމަށް ސައިންސްވެރިން ބުނެފި އެވެ.

އަލްޖަޒީރާއިން ބުނީ އަންދްރަ ޕްރެދޭޝްގެ އެލޫރު ޓައުން އިން 600 އެއްހާ މީހުންނަށް ހޮޑުލާއި ފިޓް ޖެހުމާއި ހޭނެތުން ފަދަ ގޮތްތަކެއް ވެގެން ރިޕޯޓުކުރި ކަމަށެވެ. އަދި މި މަހުގެ ހަތް ވަނަ ދުވަހު އެބަލީގައި މީހަކު މަރުވެފައި ވެ އެވެ. މީގެ އިތުރުން އެ ބަލީގެ އަލާމާތްތައް ހުރެގެން އެޑްމިޓްކޮށް ފަރުވާދެމުންދިޔަ ދެ މީހަކު ވެސް ވަނީ މިދިޔަ ހަފްތާގައި މަރުވެފަ އެވެ. ނަމަވެސް އެ ދެމީހުން މަރުވީ ސީދާ ގޮތް ނޭނގޭ ބަލީގެ ސަބަބުން ކަމެއް ހެލްތު އޮފިސަރުން ޔަގީންކޮށްދީފަ އެއް ނުވެ އެވެ.

ގޮތް ނޭނގޭ މިބަލި ފެތުރެމުންދާ ސަރަހައްދުގައި ބޭނުންކުރާ ކިރުން، ހަފްތާއެއް ކުރިން ނެގި ސާމްޕަލް ތަކުގައި ކެމިކަލްގެ މާއްދާއެއް ކަމަށްވާ "ނިކްލް" ހިމެނޭ ކަމަށް ސައިންޓިސްޓުން ބުނެފައިވެ އެވެ. މިއީ އާންމުކޮށް ކާރުހާނާތަކުގައި ބޭނުންކުރާ ދަގަނޑުގެ މާއްދާއެކެވެ. މިއީ ކިރުގެ ބާވަތެއްގައި ހުރެގެން ނުވާނެ މާއްދާ އެއް ކަމަށާއި އެއީ ނުރައްކާތެރި ކަމުގެ ރަނގަބީލެއް ކަމަށް އެލޫރު ޓައުން ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

އިންޑިއާގައި ގޮތް ނޭނގޭ ބަލި ޖެހުނު ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނީ.

އިންޑިއާގެ އެލޫރު ޓައުންގައި ބޭނުންކުރި ކިރުގެ ބާވަތަކުން ނިކްލް ފެނުނު ނަމަވެސް އެ ގައުމުގެ އެހެން ސަރަހައްދެއްގައި ބޭނުންކުރާ ކިރަކުން އެ މާއްދާ އަދި ފެނިފައިނުވާ ކަމަށް އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސާވިސަސް އިން ވަނީ ބުނެފަ އެވެ.

އަލްޖަޒީރާއިން ބުނީ ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ލޭގެ ސާމްޕަލްތަކުން ވެސް ގިނަ އަދަދަކަށް މި މާއްދާ ފެނިފައިވާ ކަމަށެވެ.

ގޮތް ނޭނގޭ އެބަލި ފެތުރެމުންދާ މައްސަލައާ ގުޅޭގޮތުން އިންޑިއާގެ ސައިންޓިސްޓުން ބުނެފައިވަނީ މިއީ ގަސްކާނާއާ ގުޅުން ހުރި ބައްޔެއް ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ތަރުކާރީގެ ބައެއް ބާވަތްތަކުންނާއި މަހުގެ ބާވަތްތަކުން ވެސް ނިކްލް މާއްދާ ފެނިފައިވުމެވެ.

އިންޑިއާގައި މިބަލީގައި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދާ މީހުން ފިޔަވައި އިތުރު ބަޔަކު އާދިއްތަ ދުވަހުގެ ފަހުން މި ބަލި ޖެހިގެން ރިޕޯޓުކޮށްފައެއް ނުވެ އެވެ.