ސ. ހިތަދޫގައި ނަރުދަމާ އެޅުމަށް ކޮންނަމުން ދިޔަ ވަޅެއްގައި ތާށިވި ދެމީހުންގެ ތެރެއިން އެކަކު ފަރުވާއަށްފަހު ދޫކޮށްލައި، އައިސީޔޫގައި ފަރުވާދިން މީހާ ވޯޑަށް ބަދަލުކޮށްފި އެވެ.

އެ ދެމީހުންނަކީ ފެނަކަ ހިތަދޫ ބްރާންޗްގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ.

ފެނަކަ ހިތަދޫ ބްރާންޗުގެ އޮފިޝަލަކު ވިދާޅުވީ އެ ދެ މީހުން ތާށިވީ ޝަރަފުއްދީން ސްކޫލް ކައިރި ނަރުދަމާ ހޮޅިއެއް އެޅުމަށް ކޮންނަމުންދިޔަ ވަޅެއް ތެރޭގައި ކަމަށެވެ. އަދި އެ މީހުން ތާށިވީ ވަޅަށް އެރިގެން ކޮންނަން ތިއްބާ ވަޅުގެ ދެ އަރިމަތިން ފަސްގަނޑު ދޫވުމުގެ ސަބަބުން އެ މީހުންގެ ވަޅަށް ފަސް އެޅިގެން ކަމަށް އޭނާ ބުންޏެވެ.

އިއްޔެ ހަވީރު 3:30 ހާއިރު ހިނގި މިހާދިސާގައި، އަނިޔާ ލިބުނީ 55 އަހަރުގެ މީހަކާއި 35 އަހަރުގެ މީހަކަށެވެ.

އެ ދެ މީހުން ވެސް ހާދިސާ ހިނގިތާ 10 މިނެޓް ތެރޭގައި ސަލާމަތްކޮށް ފަރުވާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފެނަކަ ހިތަދޫ ބްރާންޗުގެ އޮފިޝަލް ވިދާޅުވި އެވެ.

އެ ހާދިސާގައި އަނިޔާ ލިބުނު 35 އަހަރުގެ ޒުވާނާއަށް ފަރުވާ ދީފައި ވަނީ އައިސީޔޫގަ އެވެ. އެއީ އޭނާ އަކީ ސިއްހީ މައްސަލަ ހުންނަ މީހަކަށްވުމުން ހާލު ގޯސްވެދާނެ ކަމަށް ބަލާފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

ފެނަކަ ހިތަދޫ ބްރާންޗުގެ އޮފިޝަލް ވިދާޅުވީ ވަޅުލެވުނު މީހާގެ ހާލު ކުރިއަށް ވުރެ ރަނގަޅުވެ، އޭނާ މިހާރު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން 55 އަހަރުގެ މީހާ ފަރުވާއަށް ފަހު މިއަދު މެންދުރު ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ދެ މީހުން ތާށިވީ ސ. ހިތަދޫގައި ތާރުއެޅުމަށް ހަމަޖެހިފައިވާ މަގެއްގައި ނަރުދަމާ ހޮޅި ވަޅުލުމަށް ކޮންނަމުން ދިޔަ ފަސް ފޫޓް ފުންމިން ހުންނަ ވަރުގެ ވަޅެއްގަ އެވެ. އެކަކު މެޔާ ހަމަޔަށް ވެލި ބާރުވެފައިވާއިރު އަނެއް މީހާގެ މެދަކާ ހަމައަށް ވަޅުލެވިފައިވާ ކަމަށް ފެނަކަ ހިތަދޫ ބްރާންޗުން ބުންޏެވެ.