އެޖެންޑާ 19ގެ ދަށުން މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ އިންސާފުގެ ހުރިހާ ގާނޫނެއް މަޖިލިސް ތެރެއިން ފާސްވެ ނިމުނީކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިންތިގާލީ އިންސާފުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ތަސްދީގް ކުރެއްވުމާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. އަދި އެމަނިކުފާނު ވަނީ ރައީސް ސާލިހަށާއި މަޖިލިސް މެމްބަރުންނަށާއި މުވަޒަފުންނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

އިންތިގާލީ އިންސާފުގެ ބިލު ރައީސް ތަސްދީގު ކުރެއްވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުންވަނީ ފާޑު ކިޔާފަ އެވެ. އިދިކޮޅުން ސިފަކުރަނީ މިއީ ސަރުކާރު ހިންގާ ކޯލިޝަންގެ ވެރިން އަނދަގޮނޑި ޖަހައިގެން ގެންގުޅެން އުފެއްދި ދަންތުރައެއް ކަމަށެވެ. އަދި މި ބިލު ތަސްދީގު ކުރުމަކީ ކަށްވަޅު ކޮނުން ކަހަލަ ކަމެއްގެ ގޮތުގައި ވެސް ސިފަކުރެ އެވެ.

ރައީސް ނަޝީދުގެ ޓުވީޓާ ގުޅިގެން ބައެއް ޢާއްމު ފަރާތްތަކުންވަނީ އެ ޓުވީޓަށް ރައްދުދީ ފާޑު ކިޔާފަ އެވެ. އެގޮތުން ވައުދު ފުއްދުނީ ކަމަށް ވިދާޅުވުމުން ނުފުދޭ ކަމަށާއި އިންސާފު ކަށާވަރު ކުރަންޖެހޭކަމަށް މީހަކު ބުނެފައިވެ އެވެ. އަދި ވައުދުނާމާ އަޑު އަހާ އަހާ ފޫހިވެއްޖެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނަކީ 1953 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހާ ދެމެދު ހިނގައިދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި ތަހުގީގުކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައަޅާފައިވާ ގާނޫނެކެވެ.