ތެހެރާން (ޑިސެމްބަރު 18) - އީރާނުގައި މިހާރު މުޒާހަރާ ކުރަމުންދާ ފަރާތްތަކަށް ތާއިދުކުރުމުން އެ ގައުމުގެ މަޝްހޫރު ބަތަލާ ހައްޔަރުކޮށްފި އެވެ.
ތަރާލާ އަލީ ދޯސްތީ ހައްޔަރުކޮށްފައި ވަނީ އީރާން ސަރުކާރާ ދެކޮޅަށް މިހާރު ކުރާ މުޒާހަރާތަކާ ގުޅިގެން ދޮގު މައުލޫމާތު ފެތުރުމުގެ ކުށުގަ އެވެ.
އިންސްޓަގްރާމް ޕޯސްޓެއްގައި ދޯސްތީ މިދިޔަ ހަފުތާގައި ވަނީ މުޒާހަރާތަކާ ގުޅިގެން މަރުގެ އަދަބު ދިން މައްސަލަ ކުށްވެރިކޮށްފަ އެވެ.
އަލީދޯސްތީ މަޝްހޫރުކަން ހޯދީ އޮސްކާ އެވޯޑް ހޯދާފައިވާ ފިލްމު "ސޭލްސްމަން" ގައި އޭނާ އަދާކޮށްފައިވާ ރޯލުންނެވެ. އީރާނުގެ އެންމެ ކާމިޔާބު ބަތަލާ މުހިންމު ރޯލެއް އަދާކުރި "ސޭލްސްމަން" ވަނީ 2016 ވަނަ އަހަރުގެ އެކަޑަމީ އެވޯޑުގެ އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމުގެ އެވޯޑް ހޯދައިފަ އެވެ.
އުމުރުން 38 އަހަރުގެ ބަތަލާ ކުރި ޕޯސްޓުގައި ބުނެފައި ވަނީ މުހްސިން ޝެކާރީ އަށް މަރުގެ އަދަބު ދިން މައްސަލަ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ކުށްވެރިކޮށްފައި ނުވާ މައްސަލައިގައި ފާޑުކިޔައިފަ އެވެ. ޝެކާރީ ދަންޖައްސައިގެން މަރުގެ އަދަބު ދީފައި ވަނީ ތެހެރާނުގެ މައި މަގެއް ބަންދުކޮށް ސިފައިންނަށް ހަމަލާ ދޭން އުޅުނުކަމުގެ ތުހުމަތުގަ އެވެ.
އަލީދޯސްތީ ހަައްޔަރުކޮށްފައި ވަނީ އިންސްޓަގްރާމުގައި އޭނާ ކުރި ޕޯސްޓު ސާބިތުކޮށްދޭ ވަރުގެ ހެކި ނެތުމުންނެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މަހްސާ އަމިނީ ސެޕްޓެމްބަރު މަހު މަރުުވުމާ ގުޅިގެން އީރާން ސަރުކާރާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލާ މީހުންގެ ތެރޭގައި އަލީދޯސްތީ ހިމެނެ އެވެ. މިއީ އީރާނުގެ 1979 ގެ އިންގިލާބަށް ފަހު އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދާ އެންމެ ވަރުގަދަ މުޒާހަރާތަކެވެ. އެ މުޒާހަރާތަކާ ގުޅިގެން މިހާތަނަށް ދެ މީހަކަށް ވަނީ މަރުގެ އަދަބު ދީފަ އެވެ.