ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާކޮށް އިއުލާންކުރި ކާފިއު އުވާލައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ މިގެނެވުނު ބަދަލާއެކު ހަތްވަނަ ނޮވެންބަރުގައި މާލެ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އޮތް ކާފިއު މީގެ ފަހުން އުވާލާފައިވާ ކަމަށެވެ.

ކާފިއު އުވާލާފައިވާއިރު އެޗްޕީއޭއިން މިއަދުވަނީ ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކެއް ލުއިތަކެއްދީ ކުޅިވަރު މުބާރާތްތަކާއި ޙަފްލާތައް ބޭއްވުމުގެ ހުއްދަ ދެއްވާފަ އެވެ.

ކޮވިޑާއި ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް އެޗްޕީއޭއިން އަންނަނީ ލުއިތައް ދެމުންނެވެ. އެގޮތުން 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު 10 ދުވަހަށްވަނީ ކުޑަކޮށްފަ އެވެ. އަދި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ނެގެޓިވް ޕީސީއާރު ޓެސްޓެއް ހިފައިގެން އަންނަ އެއްވެސް ދިވެއްސަކު ރާއްޖެ އައިސް ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އަދި މިހާރު ހުރި ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ. މިއާއެކު ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުންއަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް ހުރިހާ ފަރާތްތަކަށް އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ މިއަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ. މިމުއްދަތު އެކި ފަހަރު މަތިން އިތުރުކޮށްފައިވާއިރު، އެންމެ ފަހުން ކުރި އިއުލާނުގައިވާ ގޮތުން އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ޖެނުއަރީ މަހުގެ ހަތަރަކަށް ދެމި އޮންނާނެ އެވެ.

ރާއްޖެއިން މިހާތަނަށް 13،444 ކޮވިޑް ޖެހިފައިވާއިރު 12،836 މީހުން ވަނީ އެ ބަލިން ފަސޭހަވެފައެވެ. ކޮވިޑް ޖެހިގެން 48 މީހަކު ރާއްޖެއިން މަރުވިއެވެ. އެއީ 40 ދިވެހިންނާއި 8 ބިދޭސީންނެވެ.