ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫއަށާއި ފުވައްމުލަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެ ވަޑައިގެންފި އެވެ.

ބުރާސްފަތި ދުވަހު، ނައިބު ރައީސް ފައިސަލް ފެއްޓެވި މިދަތުރުފުޅުގައި، އެންމެ ފުރަތަމަ ވަޑައިގެންނެވީ އައްޑު އަތޮޅަށެވެ. އައްޑޫއަށް ވަޑައިގެން އެމަނިކުފާނު، އައްޑޫ ސިޓީ ކައުންސިލާ ބައްދަލު ކުރެއްވުމުގެ އިތުރުން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެ ހޮސްޕިޓަލްގެ ސީނިއާ މެނޭޖްމަންޓާއި މުވައްޒަފުންނާ ވެސް ވަނީ ބައްދަލު ކުރައްވާފަ އެވެ. އަދި އެހޮސްޕިޓަލްގެ ދަށުން ހިންގަމުންދާ، ހުޅުމީދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުއްވައިދެއްވައި، އެ މަރުކަޒުގައި އަލަށް ތައާރަފުކުރި ޚިދުމަތްތައް އެމަނިކުފާނު ފަށްޓަވައިދެއްވި އެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި، އައްޑޫގެ ބައެއް ސްކޫލުތަކަށާއި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، މިސަރުކާރުން އައްޑޫގެ ތަރައްގީއަށް ހިންގަމުންދާ މަޝްރޫއުތައް ކުރިޔަށްދާ ގޮތް ވެސް ވަނީ ބައްލަވާލައްވާފަ އެވެ.

ނައިބު ރައީސް ފުވައްމުލަކަށް ކުރެއްވި މި ދަތުރުފުޅުގައި ވަނީ، ފުވައްމުލަކު ހޮސްޕިޓަލަށް އިތުރުކުރެވުނު އިމާރާތް ހުޅުއްވައި ދެއްވައި އެ ހޮސްޕިޓަލްގައި އަލަށް ތައާރަފްކުރި ޚިދުމަތްތައް ވެސް ފަށްޓަވައިދެއްވައިފަ އެވެ. އަދި ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް 40 އަހަރު ފުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، އެ މަރުކަޒުގެ އަހަރީ ދުވަހާ ގުޅިގެން ކުރިޔަށް ގެންދިޔަ، ކުޅިވަރު ހަރަކާތްތަކުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި ވަނީ، ފުވައްމުލަކު ސްކޫލުގައި އަލަށް އިމާރާތް ކުރި ދެ ކުލާސްރޫމް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީގައި މި ސަރުކާރުން ހިންގަމުންދާ އުމުރާނީ ތަރައްގީގެ މަސައްކަތްތައް ކުރިޔަށް ދާގޮތް ބައްލަވައި ލެއްވުމަށްޓަކައި، މަޝްރޫއުތައް ހިނގަމުންދާ ސަރަހައްދުތަކަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރެއްވި އެވެ.

އައްޑޫއަށާއި ފުވައްމުލަކަށް ނައިބު ރައީސް ކުރެއްވި 5 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވީ ހޯމަ ދުވަހު ހަވީރުގެ ވަގުތެއްގަ އެވެ