ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑު އަހަން އިދިކޮޅު ކޯލިޝަނުން ކ. އަތޮޅުގެ ރަށްތަކަށް މިއަދު ދަތުރު ފަށައިފި އެވެ.

މި ދަތުރާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތްފަހުން ދިވެހި ރައްޔިތުން ތިބީ ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށާއި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާއިރު، މި ސަރުކާރުން މުޅި ގައުމު ދަވާލައި ރައްޔިތުން ފެލާލައިފި ކަމަށެވެ.

ޝިޔާމް ވިދާޅުވީ މިހާރުގެ ރާއްޖޭގެ ހާލަތާމެދު ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށެވެ. އަދި މި ދަތުރުގައި އެ ކޯލިޝަނުން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އޭގެ އިތުރުން ރައްޔިތުންގެ ހާލަތު ގާތުން ބަލާލުމަކީ ވެސް ދަތުރުގެ މަގުސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންނާ ހިސާބަށް އަޅުގަނޑުމެން މިދަނީ ސަރުކާރުން ރައްޔިތުންނަށް ޖައްސާފައިހުރި ހާލަތު ބުނެދޭން. އަދި މިދަތުރުގައި އަޅުގަނޑުމެންގެ ވެރިކަމެއްގައި ހާލަތު ބަދަލުކުރާނެ ގޮތްތައް އަޅުގަނޑުމެން ކިޔާދޭނަން. ޕީޕީއެމް ޕީއެންސީގައި ހުރި މިންވަރާއި ކަންކުރަން ރާވަފައިހުރި ގޮތާއި އަޅުގަނޑުމެންގެ ކެނޑިޑޭޓް ރައީސް ޔާމީން މިކަންކަން ކުރައްވާނެ ގޮތުގެ ވާހަކަތައް ހިއްސާކުރަން މިދަނީ،" ޝިޔާމް ވިދާޅުވި އެވެ.

މި ދަތުރުގައި އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީއިން "ފެލާލައިފި" ނަމުގައި ބާއްވާ ޖަލްސާގައި ބައިވެރިވުމަށް ކ. އަތޮޅުގެ ރައްޔިތުންނަށް ދައުވަތު އަރުވާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ސޯލިހުގެ އެންމެ ބޮޑު މަގުސަދަކީ އެމަނިކުފާނުގެ ވައުދުތައް ފުއްދުން ނޫން ކަމަށާއި އެމަނިކުފާނުގެ އެންމެ ބޮޑު މަގުސަދަކީ ރައީސް ޔާމީން ސިޔާސީ މައިދާނުން ގެއްލުވާލުން ކަމަށެވެ. ދައުލަތަށް ލިބޭހާ ފައިސާއެއް ހަރަދު ކުރަމުން ގެންދަނީ ވެސް އެކަމަށް ކަމަށް ޝިޔާމް ފާހަގަކުރެއްވި އެވެ.