ދެ ގައުމުން ޝައުގުވެރިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޖަޕާނުގެ މިނިސްޓަ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް ތަކެއި ޝުންސުކެ އާއެކު މަޝްވަރާކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ޖަޕާނުގެ ސްޓޭޓް މިނިސްޓަރު ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ، ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީދާއަށް ހެޔޮއެދުންތައް ފޮނުއްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި ޖަޕާނުގެ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މި އަހަރު މީ ދެ ގައުމުގެ ގުޅުމަށް 55 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާފަ އެވެ.

އަދި މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުން ޝައުގުވެރިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. އެގޮތުން އިޖްތިމާއީ-އިޤްތިޞާދީ ދާއިރާއިންނާއި، ސަރަހައްދީ ސަލާމާތާއި ގުޅޭގޮތުންނާއި، ދޭދޭ ރައްޔިތުންގެ ދެމެދުގައި ގުޅުންބަދަހިކުރުމާއި، ކާރިސާތަކުން ރައްކާތެރިވުމާއި، ކުނި މެނޭޖްކުރުމާއި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ވަނީ ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމުގައި ވިދާޅުވެ ޖަޕާން ސަރުކާރުން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވައި ޖަޕާނުގެ ސަރުކާރަށް ޝުކުރުއަދާކުރައްވައިފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ކުރިމަގުގައި ވެސް ދެ ގައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޔަޤީންކަން ދެއްވަމުންނެވެ. ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1967 ވަނަ އަހަރުގަ އެވެ.