އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް 20،000 އަށް ވުރެ ގިނަ މެންބަރުންގެ ތާއީދާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޯމު ހުށައަޅުއްވައިފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީއަށް ފޯމު ހުށައެޅުމުގެ ފުރުސަތުގެ ސުންގަނޑިއަކީ މިއަދުގެ 4:00 އެވެ. ފޯމު ހުށައަޅަން ޖެހެނީ 500 މެމްބަރުންގެ ތާއީދާއެކު އެވެ.
ރައީސް ސާލިހުގެ ފަރާތްޕުޅުން ފޯމު ހުށައެޅުއްވިކަން އިއުލާނު ކުރެއްވީ އެމަނިކުފާނުގެ ކެމްޕޭންގެ އިސް މެނޭޖަރު، މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އެވެ.
ނާޝިޒު ވިދާޅުވީ ރައީސް ސާލިހުގެ ޕްރައިމަރީގެ ކެނޑިޑެސީ ފޯމު ހުށައަޅާފައި ވަނީ 20،000 އަށް ވުރެ ގިނަ މެމްބަރުންގެ ތާއީދާ އެކު ކަމަށެވެ. ނާޝިޒު ވަނީ ތާއީދު ފޯމްގެ ބަންޑެއްޔާއެކު ފޮޓޯއެއް ވެސް ހިއްސާ ކުރައްވާފަ އެވެ.
މިއަދު ރައީސް ސޯލިހު ފޯމް ހުށަހެޅުއްވެވި އިރު އެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މިދިއަ ބުރާސްފަތި ދުވަހު ފޯމް ހުށަހަޅުއްވާފަ އެވެ.
ރައީސް ސޯލިހާއި ރައީސް ނަޝީދު މި އިންތިހާބުގައި ވާދަކުރައްވާތީ މިއީ އެމްޑީޕީގެ ތާރީހްގައި އެޕާޓީން ބާއްވާ އެންމެ ވާދަވެރި އިންތިހާބަށް ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
މީގެ ކުރިން އެމްޑީޕީން ބޭއްވި އެންމެ ވާދަވެރި އެއް އިންތިހާބަކީ 2008 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީ އެވެ. އެގޮތުން 2008 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުގެ އިތުރުން ޑރ. މުހައްމަދު މުނައްވަރާއި ރީކޯ މޫސާ މަނިކު ވާދަކުރި އެވެ. އަދި 2013 ވަނަ އަހަރު އެމްޑީޕީން ރިޔާސީ ޕްރައިމަރީއެއް ބޭއްވުމެއް ނެތި ޓިކެޓް ދިނީ ރައީސް ނަޝީދަށެވެ. އޭގެ އިތުރުން 2018 ވަނަ އަހަރު ޕްރައިމަރީގައި ވާދަކުރީ ނަޝީދު އެކަންޏެވެ. ނަމަވެސް ނަޝީދަށް ވާދަކުރެވެން ނެތުމުން އެމްޑީޕީގެ ކޮންގްރެސް އިން ނިންމީ ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް ދެއްވުމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ނިންމާފައި ވަނީ ޖެނުއަރީ 28ގަ އެވެ. އެ ޕާޓީގެ ދަފްތަރުގައި ޕްރައިމަރީގައި ވޯޓް ލެވޭ، 58،000 މެންބަރުން ތިއްބަވަ އެވެ.
އިންތިޚާބުގެ ކެންޕެއިން މިހާރު ފެށިފައިވާއިރު، އެމްޑީޕީ އެތެރޭގެ ދެ ފެކްޝަނުން ގެންދަނީ ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ.