ދުނިޔެ ހޫނުވަމުން ދިއުމާ ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނަތީޖާއެއްގެ ގޮތުން ބިންގަނޑު ތިރި ގައުމުތައް ދުނިޔޭގެ ޗާޓުން ފޮހެވިގެން ހިނަގއިދާނެ ކަމުގެ ބިރަކީ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ މައްސަލައެކެވެ. ކުދި ޖަޒީރާ ގައުމަތަކުގެ ތެރެއިން އެކި ގައުމުތަކަށް މި ބިރު އޮތީ އެކި މިންވަރަށެވެ. މިފަދަ ގައުމުތަކުގެ ލިސްޓުގައި ދިވެހި ރާއްޖެ ވެސް ހިމެނިފައިވާއިރު، މި ލިސްޓުގެ އެންމެ ކުރިއަށް ސައިންސް ވެރިން ލައިފައިވާ ގައުމުތަކުގެ ތެރެއިން ވެސް އެންމެ ކުރީގައި ވަނީ އެންމެ މަދުން މީހުން ޒިޔާރަތްކުރާ ގައުމު ކަމަށްވާ ޓުވާލޫ އެވެ.

ޓުވާލޫއަކީ އެމެރިކާގެ ހަވާއީ އާއި އޮސްޓްރޭލިއާ އާ ދެމެދު އޮންނަ ޕެސިފިކް ޖަޒީރާ ގައުމެކެވެ. ގައުމުގައި ހިމެނޭ ޖުމްލަ ނުވަ ރަށުގެ ތެރެއިން ތިން ރަށަކީ ފިނޮޅެވެ. އެ ރަށްތައް ދިޔަވަރު ބޮޑުވާ އިރު ލޮނުގަނޑުގެ އަޑިޔަށް ދެ އެވެ. އެހެންކަމުން ހަގީގަތުގައި އެއީ ކުޑަކުޑަ ފަސް ރަށުގެ މައްޗަށް އެކުލެވިގެންވާ ގައުމެކެވެ. އެ ގައުމުގެ އާބާދީގެ 11،000 މީހުން މައިގަނޑު ގޮތެއްގައި ދިރި އުޅެނީ ވެރި ރަށް ފުނަފުޓާ ގަ އެވެ. ފުނަފުޓާ އާއި އެރަށުގެ ކައިރީގައިވާ އެހެން ރަށް ރަށުގައި ވެސް ދަނޑުވެރިކަން ކުރެވޭ ފަދަ ފަސްގަނޑެއް ނެތުމުގެ ސަބަބުން ދަނޑުވެރިކަމުގެ މާބޮޑު މަސައްކަތެއް މުޅި ގައުމުގައި ވެސް ނުކުރެ އެވެ. ގައުމުން އެކްސްޕޯޓު ކުރެވޭ ހަމަ އެކަނި ބާވަތަކީ ކޮފުރާ އެވެ.

1974 ވަނަ އަހަރު އިނގިރޭސިންގެ އަތްދަށުން މިނިވަންކަން ލިބެންދެން އެ ގައުމުގެ ނަމަކީ އެލިސް އައިލޭންޑްސް އެވެ. އެލިސް އައިލޭންޑްސް އެ ގައުމަށް ކިޔުނީ އެންމެ ފުރަތަމަ އެ ރަށްތައް ކޮންޓްރޯލް ކުރި އިނގިރޭސި މަނަވަރުގެ ކެޕްޓަން އެލިސްގެ ނަމުންނެވެ. 1877 ވަނަ އަހަރު ޓުވާލާގެ ރަށްތައް އިނގިރޭސިންގެ ބާރުގެ ދަށަށް ގެންދިޔަ އިރު އެރަށްތަކުގައި 23،000 މީހުން ދިރިއުޅުނު ކަމުގައި ވެ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ގަދަކަމުން މަސައްކަތް ކުރުވުމަށް އޭރު އިނގިރޭސިންގެ ބާރުގެ ދަށުގައި ހުރި އެ ހިސާބުގަނޑުގެ ގައުމުތަކަށް ގެންދެވުނެވެ. އަދި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޔޫރަޕއަން ފުލޫ ޖެހިފައި މަރުވިކަމުގައި ވެސް ވެ އެވެ. އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތް ގައުމެއްގެ ގޮތުގައި އެގައުމު ޒަމާންތަކަކަށް ބޭއްވުމަށް ފަހު 1974 ގައި ނެގި ރިފަރެންޑަމަކުން އެ ގައުމުގެ ރައްޔިތުން އަމިއްލަ ވެރިކަމެއް ކުރަން ބޭނުންވާކަމުގައި ނިންމުމާ ގުޅިގެން އިނގިރޭސިން އެގައުމު މިނިވަން ކޮށްދިނެވެ. އެހެން ނަމަވެސް ހެޑް އޮފް ސްޓޭޓަކީ އިނގިރޭސިންގެ ރަނީ ނުވަތަ ރަސްގެފާނެވެ. އިނގިރޭސި ތަޚުތު ތަމްސީލުކުރުމަށްޓަކައި ގަނޑުވަރުން އައްޔަންކުރާ ގަވަރުނަރަކު ހުރެ އެވެ. ގަވަރުނަރުގެ ދަށުން ގައުމުގެ ވެރިކަން ކުރަނީ ޕާލަމެންޓަރީ ނިޒާމަކުން ހޮވޭ ބޮޑު ވަޒީރެކެވެ.

ޓުވާލޫގައި 11،000 ރައްޔިތުންގެ ކަންތައް ބެލެހެއްޓުމަށް ސަރުކާރެއް އޮތްކަމުގައި ވިޔަސް ގައުމަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން ރައްޔިތުންނަށް ފާގަތި ދިރިއުޅުމުގެ މާ ބޮޑު އުންމީދެއް ނެތެވެ. ރޭޑިއޯ ސްޓޭޝަނެއް ނުވަތަ ޓީވީ ސްޓޭޝަނެއް ގައުމުގައި ނެތުމުގެ ސަބަބުން ގާތްގަނޑަކަށް ކޮންމެ ގެއެއްގައި ވެސް ބަލައި އުޅެނީ ސެޓެލައިޓް ޑިޝް ބޭނުންކޮށްގެން ބޭރުގެ ޓީވީ ޕްރޮގްރާމްތަކެވެ. ފުނަފުޓާގައި އޮންނަ ކުޑަ އެއާޕޯޓަކީ ވެސް އާންމުންގެ އެކި އެކި ބޭނުންތަކަށް ބޭނުން ކުރާ ތަނެކެވެ. ފްލައިޓް ނުޖައްސާ ގަޑީގައި ރަންވޭ މަތީގައި ބައިސްކަލް ދުއްވުމާއި ފުޓުބޯޅަ ކުޅުން ފަދަ ކަންކަމަކީ އާދައެކެވެ.

ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން ޓުވާލޫއަށް ދިމާވެފައިވާ އެންމެ ބޮޑުއެއް މައްސަލައަކީ ފެނުގެ ދަތިކަމެވެ. ރަށުގައި ބޯނެ މީރު ފެން ނެތުމުގެ ސަބަބުން ބޯ ފެނުގެ 100 ޕަސެންޓަކީ ވާރޭ ފެނެވެ. ވާރޭފެން ނަގަނީ ގޭގޭގައި ހުންނަ ތާނގީތަކަށެވެ.

ދުނިޔޭގެ ހޫނުމިން މައްޗަށް ޖެހެމުންދާ މިންވަރު މަޑުޖެއްސުމަށްޓަކައި މަސައްކަތް ކުރުމަށް ކުރެވޭ ކެމްޕެންތަކުގައި ޓުވާލޫއަކީ އިސް ރޯލެއް ކުޅޭ ގައުމެކެވެ. ގައުމުގައި އުފައްދާ ހަކަތައިގެ ބޮޑު ބައެއް އިއާދަކުރަނިވި ހަކަތަޔަށް ވަނީ ބަދަލު ކޮށްފަ އެވެ. މިހާރު ގައުމުގައި އުފައްދާ ހަކަތައިގެ 60 ޕަސެންޓަށް ވުރެ ބޮޑު ބައެއް އުފައްދަނީ ސޯލާގެ ޒަރީއާއިންނެވެ. މި މިންވަރު 2025 އާ ހަމަޔަށް 100 ޕަސެންޓަށް ގެންދިއުމަށް ވަނީ ޕްލޭން ކުރެވިފަ އެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމާއެކު އުފެދޭ މައްސަލަތަކުގައި މިހާރު ވެސް ޓުވާލޫއަށް އަސަރުކުރަން ފަށާފައި ވިޔަސް ގައުމު ދޫކޮށް ދިއުމަކީ އެއްވެސް ވަރަކަށް ވިސްނާކަމެއް ނޫން ކަމުގައި އެ ގައުމުގެ ބޮޑު ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން އެގޮތަށް ނިންމައިފައި އޮތް ކަމުގައި ވިޔަސް ގައުމުގެ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ޒުވާނުން އަންނަނީ ނިއުޒީލޭންޑާއި އޮސްޓްރޭލިއާ އަށް ހިޖުރަ ކުރަމުންނެވެ. ޒުވާނުން ގައުމު ދޫކޮށް ދާ މައިގަނޑު ސަބަބަކީ ގައުމުގައި އެ މީހުންނަށް އެކަށޭނަ މުސްތަގުބަލެއް އޮތްކަމުގައި ނުފެނުމެވެ.

ޒުވާނުން އެގޮތަށް ދުށް ކަމުގައި ވިޔަސް މުސްކުޅިންނާއި ހަރު މީހުން ގައުމު ދޫކުރާކަށް ބޭނުމެއް ނުވެ އެވެ. އެ މީހުންގެ ނަޒަރުގައި އެގޮތަށް ގައުމު ދޫކޮށް ދިއުމުން އަމިއްލަވަންތަކަމާއި ސަގާފަތް ގެއްލިގެން ހިނގައިދާނެ އެވެ. އޮސްޓްރޭލިއާގެ ކުރީގެ ބޮޑުވަޒީރު ވަނީ ޓުވާލޫގެ އިގުތިސާދީ ސަރަހައްދުގެ މިލްކުވެރިކަން ބަދަލެއްގެ ގޮތުގައި ދީފިނަމަ ގައުމުގެ މުޅި އާބާދީއަށް އޮސްޓްރޭލިޔާގެ ރަށްވެހިކަން ދޭން ހުށަހަޅުއްވާފަ އެވެ. އެކަމަކު މި ހުށަހެޅުމަކީ އަޅުވެތިކުރުމުގެ ކަމެއްކަމުގައި ބުނެ ޓުވާލޫ އިން ވަނީ އެކަން ގަބޫލު ނުކޮށެވެ.

ތިމާވެށީގެ ކާރިސާއެއްގައި ޓުވާލުގެ ރަށްތަކުގައި ދިރި ނޫޅެވިދާނެ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށް ބަލައި އެ ގައުމުގެ ސަރުކާރުން މިހާރު ވަނީ ހަ ފޫޓު އުސް ރަށެއް ހިއްކުމުގެ މަޝްރޫއެއް ރާވާފަ އެވެ. މިރަށް ހިއްކުމަށް 300 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، އެކަމަށް ޚަރަދު ކުރާނެ ފައިސާއެއް ނެތެވެ. އެހެންކަމުން ކަނޑުގެ ލޮނުގަނޑާއެކު އުފުލެމުންދާ ރާޅުތަކާއެކު ދުނިޔޭގެ އެންމެ މަދުން މީހުން ޒިޔާރަތްކުރާ ގައުމު، ޓުވާލޫ ނެތި ހިނގައިދާނެކަމުގެ ބިރު ބޮޑެވެ.