އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބީ ކޮމިޓީ އަށް އައްޔަންކުރާ ފަސް މެންބަރެއްގެ ނަން އެ ޕާޓީގެ ގައުމީ މަޖިލީހުން، ބޮޑު އަރައިރުމަކަށް ފަހު މިރޭ ފާސްކޮށްފި އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭ ކެންޑިޑޭޓަކު ކަނޑައަޅަން ޖެނުއަރީ 28 ގައި ބާއްވާ އެ ޕާޓީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ބާއްވާ އިންތިހާބުގެ ކަންތައްތައް އިންތިޒާމްކޮށް، ބެލެހެއްޓުމަށް 5 މެމްބަރުންގެ ކޮމިޓީއެއް އެމްޑީޕީގެ ގައުމީ މަޖިލީހުން އިންތިޚާބު ކުރަންޖެހެ އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލާފައިވާއިރު، އެ މުއްދަތު މިމަހުގެ 24 ވަނަ ދުވަހު ވަނީ ހަމަވެފަ އެވެ. އެކަމަށް އެދި ފޯމް ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ރިޔާސީ ޕްރައިމަރީގެ ކަންތައްތައް އިންތިޒާމުކުރުމަށް އިންތިޚާބު ކުރަންޖެހޭ 5 މެންބަރުންގެ ކޮމިޓީ އިންތިޚާބު ކުރީ ތާޖުއްދީން ސްކޫލްގައި ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގަ އެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އިންތިހާބު ކޮމިޓީއަށް މެމްބަރުން އިންތިހާބުކުރުމުގެ ކަންކަން ދިޔައީ ހޫނު ބަހުސްތަކެއްގެ ތެރެއިންނެވެ. ގައުމީ މަޖިލީހުގެ ޖަލްސާގައި 5 މެމްބަރުން ހިމެނޭ އިންތިޚާބު ކޮމިޓީއަށް މެމްބަރުން އައްޔަންކުރަން ހުޅުވާލުމުން ގިނަ ހުށަހެޅުންތަކެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި ދެ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ ފަރާތްތަކުން ހުށަހެޅި ލިސްޓްތަކާއި ހުށަހެޅޭ ނަންތަކަށް ވަކިވަކިން ވޯޓަށް އެހުމަށް ހުށަހެޅި ހުށަހެޅުންތައް ވެސް ހިމެނެ އެވެ.

އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ބައިވެރިވަނީ. ފޮޓޯ: އެމްޑީޕީ

އިންތިހާބު ކޮމިޓީއަށް 5 މެމްބަރުންގެ ނަން ހުށަހެޅުއްވުމަށް ހުޅުވާލުމުން ރައީސް ނަޝީދަށް ތާއީދުކުރައްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ 3 ނަމެއް ހުށަހަޅާފަ އެވެ. ނަމަވެސް ރިޔާސަތުގައި އިންނެވި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވަނީ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ހުށަހެޅޭނީ 5 ނަންކަމަށް ވިދާޅުވެ، އިތުރު ނަންތައް ހުށަހެޅުމުގެ ފުރުސަތު އާޒިމްއަށް ދެއްވާފަ އެވެ. އެ ފުރުސަތު ދެއްވުމުން އާޒިމް ދެން ހުށަހެޅުއްވީ ދެ ނަމަވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ވާދަވެރި އިންތިހާބެއް މިއޮތީ ކުރިއަށް. ދެ ކެންޑިޑޭޓުން ބޭނުންވާ 2 ނަން އަދި ދެ ބޭފުޅުން އެއްބަސްވާ 1 ނަމާއެކު ޖުމްލަ ފަސް ނަން. އެއީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. އެހެންވީމަ އަޅުގަނޑު ހުށަހަޅަން (އިންތިހާބު ކޮމިޓީއަށް) ދެ ނަން،" އޭނާ ވިދާޅުވި އެވެ.

އާޒިމްގެ އެ ހުށަހެޅުއްވުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ތާއީދު ކުރެއްވި އެވެ.

އާޒިމްގެ މި ވާހަކަތަކާ ގުޅިގެން ރިޔާސަތުން ވިދާޅުވީ އަސާސީ ގަވާއިދު އޮންނަ ގޮތުން ހުށަހަޅަން ޖެހޭނީ 5 ނަން ކަމަށާއި ވޯޓަށް އެހޭނީ 5 ނަން ހުށަހެޅުއްވުމުން ކަމަށެވެ.

"މި ޕާޓީގެ ކޮމިޓީތައް ނަގާ އުސޫލަށް އަޅުގަނޑުމެން މިކަންވެސް ކުރިއަށް ގެންދާނީ. އިންތިހާބު ކޮމިޓީއަކީވެސް ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ ބޭނުންވާ މީހުން ތިބޭ ކޮމިޓީއެއް ނޫން. އެ އިތުބާރު (ޕާޓީއަށް) ތިބޭފުޅުން ބާއްވަންވާނެ. އިތުބާރު ނެތް ކަމަށްވަންޏާ ވަރަށް ދެރަ. ދަންނަވަން އޮތީ 5 ނަމާއެކު ހުށަހަޅުއްވާށޭ،" ފައްޔާޒު ވިދާޅުވި އެވެ.

ގައުމީ މަޖިލީހުގެ ޖަލްސާގައި ބަހުސް ހޫނުވުމުން ރިޔާސަތުން ވަނީ ދެ ކެންޑިޑޭޓުން ބޭނުންވާ 5 ނަމެއް ހުށަހެޅުމަށް މަޝްވަރާކުރުމަށް ވެސް ފުރުސަތު ދެއްވާފަ އެވެ. ނަމަވެސް އެކަންވެސް ކާމިޔާބުވާ ގޮތެއް ވެފައެއް ނުވެ އެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ހޫނު ބަހުސްތަކެއް ކުރުމަށްފަހު ރިޔާސަތުން ވަނީ ބައްދަލުވުމަަށް ހުށަހެޅިފައިވާ ހުރި ހުށަހެޅުންތަކަށް ވޯޓަށް އެހުމަށް ނިންމާފައެވެ. އެގޮތުން ގައުމީ މަޖިލީހުގެ އަގްލަބިއްޔަތުން ފާސްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުށަހެޅުއްވި، އަދި ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރ އަޙްމަދު އީސާ ތާއީދު ތާއީދުކުރެއްވި 5 މެމްބަރުންގެ ކޮމިޓީއެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ

  1. އިބްރާޙީމް ވަހީދު (ޗެއާޕާސަންގެ ނައިބު އިދާރީ)
  2. އަނަސް ޢަބްދުއްސައްތާރު (ސްޕޯކްސްޕާސަން)
  3. އަކްރަމް ކަމާލުއްދީން (މަތިއުތުރު ޕްރޮވިންސްގެ ރައީސް)
  4. މުޙައްމަދު އީމާން (ކެނދިކުޅުދޫ ދާއިރާގެ ރައީސް)
  5. އަހުމަދު އަބްދުﷲ އަފީފު ( ގާނޫނީ ކޮމެޓީގެ ކުރީގެ މުގައްރިރު)

ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އިތުރު ހުށަހެޅުންތައް ހުށަހެޅުނަސް، އޭގެއިން އެއްވެސް ހުށަހެޅުމެއް ފާސްވެފައެއް ނުވެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ރިޔާސީ ޕްރައިމަރީގެ ކަންކަން ބަލަހައްޓާ ކޮމިޓީ އިންތިހާބުކޮށްފައިވާއިރު، އެމްޑީޕީން އާއްމުކޮށްފައިވާ ތާވަލުގައިވާ ގޮތުން ދެން އޮންނަނީ ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާ އެކު އިއުލާން ކުރުމެވެ. އެއަށްފަހު ރިޔާސީ ޕްރައިމަރީގެ ވޯޓަރޒް ލިސްޓް އާންމު ކުރުމާއި، ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާނެ އެވެ. އަދި ރިޔާސީ ޕްރައިމަރީ ފައިނަލް ވޯޓާސް ލިސްޓް އާންމު ކުރަނީ އަންނަ މަހު އެވެ.