ހުޅުމާލޭގައި އަލަށް ތަރައްގީކުރި އޮފީސް ބިލްޑިންގަށް ސަރުކާރުގެ އޮފީސްތައް ބަދަލުކޮށް، މިމަހުގެ 15 ވަނަ ދުވަހު ހުޅުވަން ނިންމާފައިވާ ކަމަށް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފި އެވެ.
ޗައިނާގެ ހުނާން އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓާ ހަވާލުކޮށްގެން ތަރައްގީކުރި ހަ ބުރީގެ އޮފީސް އިމާރާތަށް ބަދަލުވާ އޮފީސްތަކުގެ ސެޓަޕް ހެދުމަށް އޮފީސްތަކަށް ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި އެ އިމާރާތަށް ބަދަލުވާ އޮފީސްތަކުން އެ މަސައްކަތް ފަށާފައިވާ ކަމަށާއި އަމާޒަކީ މިމަހުގެ 15 ވަނަ ދުވަހު އެތަން ހުޅުވުން ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ތަރައްގީކޮށްފައިވާ މި އޮފީސް އިމާރާތުގެ ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ޕާކިން އަށެވެ. އެ އިމާރާތައް ބަދަލުކުރާ އޮފީސްތައް ހިންގާނީ 2 ވަނަ ފަންގިފިލާއިން ފެށިގެން 5 ވަނަ ފަންގިފިލާއާއި ހަމައަށެވެ. އަދި އިމާރާތުގެ އެންމެ މަތި 6 ވަނަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ ކުދި މީޓިން ރޫމްތަކާއި، ސެމިނާ ރޫމެއްގެ އިތުރުން ޓެރަހަށެވެ.
ހުޅުމާލޭގައި ތަރައްގީކުރާ އާ އޮފީސް އިމާރާތް ބެހިފައިވާ ގޮތް:
- ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާ - ޕާކިން އޭރިއާ
- 2 ވަނަ ފަންގިފިލާ - މިނިސްޓްރީ އޮފް ޖެންޑަ ފެމިލީ އެންޑް ސޯޝަލް ސާވިސަސް
- 3 ވަނަ ފަންގިފިލާ – މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
- 4 ވަނަ ފަންގިފިލާ – އެމެރިކަން އެމްބަސީ
- 5 ވަނަ ފަންގިފިލާ – މިނިސްޓްރީ އޮފް ހަޔަ އެޑިއުކޭޝަން
- 6 ވަނަ ފަންގިފިލާ – ކުދި މީޓިން ރޫމްތަކާއި ސެމިނާ ރޫމްއެއް އަދި ޓެރަސްއެއް
ޕްލޭނިން މިނިސްޓްރީން ބުނީ އެ އޮފީސް އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 25،000 އަކަފޫޓުގެ ޖާގަ ހުންނާނެ ކަމަށެވެ. 185 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން އޮފީސް އިމާރާތެއް ހެދީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށްގެން އަމިއްލަ ތަންތަން ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން ހިންގަންޖެހޭތީ، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2019 ވަނަ އަހަރު ނިންމެވި ނިންމެވުމުގެ މަތީންނެވެ.
ޕްލޭނިންގ މިނިސްޓްރީން ބުނީ ސަރުކާރު އޮފީސްތަކުގެ އިމާރާތުގެ ދަތިކަން އެންމެ ބޮޑަށް ދިމާވީ ހުރަވީ ބިލްޑިންގ ބޭނުންނުކުރެވި، އެ އިމާރާތުގެ ތަންތަން ހަލާކުވެ އެތަނަކީ ބޭނުންކުރުމަށް ރައްކާތެރިތަނެއް ނޫން ކަމަށް އިންޖިނިއަރުން ލަފާދީފައިވާތީ އެތަނުގައި ހުރި އޮފީސްތައް ހުސްކުރަން ޖެހުމުން ކަމަށެވެ.