ދިވެހި ރައްޔިތުން މީލާދީ އައު އަހަރަށް މަރުހަބާކީ ހިތްދަތިކަމާއި މާޔޫސްކަން ތަހައްމަލުކުރަމުން ކަމަށް އިދިކޮޅު ކޯލިޝަނުން ހާމަކޮށްފި އެވެ.
އިދިކޮޅުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ 2023 ވަނަ އަހަރު ފެށިގެން އައީ ދިވެހި ރައްޔިތުންގެ ޢުންމީދު ގައުމުގެ ތަރައްގީގެ ބާނީ ރައީސް ޔާމީންގެ މައްޗަށް ސިޔާސީ ނުފޫޒުން ހަރާން ހުކުމެއް ޖަހާ ޖަލުގެ ތޭރިތަކު ތެރެއަށް ލައިގެން އަނިޔާވެރިވަމުން ދަނިކޮށް ކަމަށެވެ. އެމަނިކުފާނަށް ހަރާން ހުކުމެއް ޖެހުމުގެ އެންމެ ބޮޑު ބޭނުމަކީ މިވަގުތު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި އިބްރާހީމް ރައީސް އިތުރު ދައުރަކަށް އިންތިހާބު ވުމަށް ކޮށާ މަގެއްގެ ގޮތުގައިކަން ދިވެހި އެންމެހައި ރައްޔިތުންނަށް ކަށަވަރު ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އިދިކޮޅުން ނެރުނު ބަޔާނުގައިވަނީ ރައްޔިތުންގެ ދިރިއުޅުމުގެ އަގު ބޮޑުކޮށް، ރައްޔތުން އަތުން 8 ޕަސެންޓް ގެ ޖީއެސްޓި ނަގާ ތަކެތީގެ އަގުބޮޑުކުރުމުގެ އިތުރުން ރައްޔިތުން ނިކަމެތި ވެއްޖެ ކަމަށެވެ މި ހުރިހާ ކަމަކުން އަރައިގަނެވެން އޮތީ މިއަހަރު ރިޔާސީ އިންތިހާބުގައި އިބްރާހީމް ރައީސް އާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ފަރާތްތައް ބަލިކޮށް ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނެސްގެން ކަން އެއީ ޔަގީންވާކަމެއް ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.
މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ނަގާ މިންވަރު 8 ޕަސެންޓަށް އިތުރު ކުރުމުން ތަކެތީގެ އަގުތައް މިހާރުވެސް ވަނީ އުފުލިފަ އެވެ.