މާލެ ސަރަހައްދުގައި މި ސަރުކާރުން ފެށި ބައެއް ފްލެޓުތަކުގެ މަސައްކަތް ނިންމައި މި ފަސް އަހަރުގެ ތެރޭގައި މީހުން ދިރިއުޅެން ފެށޭވަރުކޮށް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޯހިޔާވަހިކަން ނުލިބުމުގެ މައްސަލަ ކަމަށެވެ.

މި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކުގެ ވާހަކަތައް ލިޔެކިޔުންތަކުން ފެންނަން ހުންނާނެ ކަމަށާއި އޮޅުވާލައިގެން ކޮންމެ މީހަކަށް ވެސް ވާހަކަ ދެއްކިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި މިވަގުތު ވެސް 8،782 ފްލެޓުގެ އަމަލީ މަސައްކަތް ދަނީ ހިނގަމުންނެވެ. މިހާތަނަށް އެއްވެސް ސަރުކާރުން ފެށި ހައުސިން މަޝްރޫއެއް ނިންމައި، އެ ފްލެޓުތަކަށް މީހުންނަށް ވަދެވިފައި ނެތް ކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރު ނިމޭ އިރުގައި އަޅުގަނޑުމެން ހަދާ ފްލެޓުތަކުގެ ތެރެއިން ބަޔަކަށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން، ދިރިއުޅެވޭ ވަރު ކޮށްދޭނަން." ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން މާލޭގެ ރައްޔިތުންނަށް 5،000 ގޯތި ދިނުމަށްޓަކައި ވެވަޑައިގަތް ވައުދު ވެސް ފުއްދަވާނެ ކަމުގެ ޔަގީން ކަން އެމަނިކުފާނު ދެއްވިއެވެ. އަދި އެކަން ކުރައްވާނީ ޅ. ކުރެންދޫ ރައްޔިތުންނަށް ކަނޑުން 1،000 ގޯތި ދިން ގޮތަކަށް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކަޑަ ޖަހައި، ބިން ވަކިކޮށް، ރޯނު ދަމައި މާލޭގެ ރައްޔިތުންނަށް މި ފަސް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ކަމަށެވެ.