ވާޖީނިއާ (ޖެނުއަރީ 7) - އެމެރިކާގެ ވާޖީނިއާ ސްޓޭޓުގައި ޓީޗަރަކަށް ބަޑިން ހަމަލާދީގެން ހަ އަހަރުގެ ކުޑަކުއްޖަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ޓީޗަރަށް ހަމަލާދީފައި ވަނީ ނިއުޕޯޓް ނިއުސް ސިޓީގެ ރިޗްނެކް އެލެމެންޓްރީ ސްކޫލްގަ އެވެ. ޓީޗަރު ގަޔަށް ބަޑިޖަހާފައި ވަނީ ކްލާސްރޫމުގަ އެވެ. ގްރޭޑް 1 ގެ ކްލާސްރޫމުގައި ހަ އަހަރުގެ ކުއްޖާ ޓީޗަރު ގަޔަަށް ބަޑިޖަހާފައި ވަނީ އެ ޓީޗަރާ ކޮންމެވެސް ވަރެއްގެ ދެބަސްވުމަކަށް ފަހު ކަމަށްވެ އެވެ.

ހަ އަހަރުގެ ކުއްޖަކު ބަޑިއެއް ހޯދި ގޮތެއް އަދި ނޭނގެ އެވެ. ނަމަވެސް ސިޓީގެ ފުލުހުންގެ ވެރިޔާ ސްޓީވް ޑޭވް ވިދާޅުވީ އެއީ އެކްސިޑެންޓަކު ހިނގި ހާދިސާއެއް ނޫން ކަމަށެވެ.

ހަމަލާ އަމާޒުވީ އުމުރުން 30 ގެ އަހަރުތަކުގެ ޓީޗަރަކަށެވެ. އޭނާ އަށް ލިބުނު ޒަޚަމްތަކާ ގުޅިގެން އޮތީ ސީރިއަސް ހާލަތެއްގަ އެވެ.

އޮފިޝަލުން ބުނެފައި ވަނީ 550 ކުދިން ކިޔަވާ އެ ސްކޫލްގައި ވަނީ މެޓަލް ޑިޓެކްޓަރު ވެސް ހަރުކޮށްފަ އެވެ. ނަމަވެސް ކުދިން ޗެކްކުރަނީ ރެންޑަމްކޮށް ކަމަށްވެ އެވެ. އަދި ކޮންމެ ކުއްޖަކު ވަކިން އިންސްޕެކްޓް ނުކުރާ ކަމަށް ވެސް ވެ އެވެ.

ނިއުޕޯޓް ނިއުސް އަކީ 180،000 މީހުން ދިރިއުޅޭ ކުޑަ ސިޓީއެކެވެ. އެ ސިޓީ އޮންނަނީ ސްޓޭޓުގެ ވެރިރަށް ރިޗްމޮންޑުގެ ދެކުނުން 70 މޭލު ދުރުގަ އެވެ.