ވާޖީނިއާ (ޖެނުއަރީ 8) - އެމެރިކާގެ ވާޖީނިއާ ސްޓޭޓުގައި ހަ އަހަރުގެ ކުއްޖަކު ބަޑިން ހަމަލާ ދިން ޓީޗަރުގެ ހާލު އަންނަނީ ރަނގަޅުވަމުން ކަމަށް އޮފިޝަލުން ބުނެފި އެވެ.

ނިއުޕޯޓް ނިއުސް ސިޓީގެ ރިޗްނެކް އެލެމެންޓަރީ ސްކޫލުގެ ގްރޭޑް 1 ގެ ކްލާސްރޫމުގައި އެންމެ އަހަރުގެ ކުޑަ ކުއްޖާ ބަޑިން ހަމަލާ ދިނުމުން ޓީޗަރު އަބީ ޒުވެނާ ވަރަށް ބޮޑަށް ޒަޚމްވި އެވެ. ހާލު ރަނގަޅުވަމުން އައި ނަމަވެސް ޓީޗަރު އަދިވެސް އޮތީ ފުރާނަ އަށް ނުރައްކާވާ ފަދަ ހާލަތެއްގަ އެވެ.

ގާތްގަނޑަކަށް 550 ދަރިވަރުން ކިޔަވާ ސްކޫލަށް ކުޑަ ކުއްޖާ ބަޑިއެއް ވެއްދި ގޮތާއި އެ ކުއްޖާ އަށް އެ ބަޑި ލިބުނު ގޮތެއް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެ އެވެ. އެ ސްކޫލްގައި ވަނީ މެޓަލް ޑިޓެކްޓަރު ވެސް ހަރުކޮށްފަ އެވެ. ނަމަވެސް ކުދިން ޗެކްކުރަނީ ރެންޑަމްކޮށް ކަމަށްވެ އެވެ. އަދި ކޮންމެ ކުއްޖަކު ވަކިން އިންސްޕެކްޓް ނުކުރާ ކަމަށް ވެސް ވެ އެވެ.

ކުއްޖާ ބަޑިޖެހުމާ އެކު، އުމުރުން 30 ގެ އަހަރުތަކުގެ ޓީޗަރު ވަނީ އެހެން ކުދިން އަވަހަށް ކްލާހުން ނުކުމެގެން ދިއުމަށް ބުނެފަ އެވެ. ކުއްޖާ ބަޑިޖެހީ ޓީޗަރާ މެދު ކޮންމެވެސް ކަމެއްގައި ހިތްހަމަނުޖެހިގެން ކަމަށްވެ އެވެ.

ބަޑިޖެހި ކުއްޖާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ނަމަވެސް ވާޖީނިއާގެ ގާނޫނުތައް އޮންނަ ގޮތުން ހަ އަހަރުގެ ކުއްޖަކަށް ބޮޑުމީހަކާ އެއްގޮތަށް އަމަލެއް ނުކުރެވެ އެވެ. އަދި ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގެ ދަށުގައި ބަހައްޓާވުރެ އެ ކުއްޖާ ޅަކަމަށް ބުނެފައިވެ އެވެ. ނަމަވެސް ކޯޓެއްގެ ފަނޑިޔާރު ބޭނުން ނަމަ އެ ކުއްޖާ ބެލެހެއްޓުން ބެލެނިވެރިންގެ ކިބައިން ނެގުމަށް ފަހު ސްޓޭޓުގެ ސުޕަވިޒަނުގެ ދަށަށް ގެނެވޭނެ އެވެ.

ނިއުޕޯޓް ނިއުސް އަކީ 180،000 މީހުން ދިރިއުޅޭ ކުޑަ ސިޓީއެކެވެ. އެ ސިޓީ އޮންނަނީ ސްޓޭޓުގެ ވެރިރަށް ރިޗްމޮންޑުގެ ދެކުނުން 70 މޭލު ދުރުގަ އެވެ.