ވާޖީނިއާ (ޖެނުއަރީ 10) - އެމެރިކާގެ ވާޖީނިއާ ސްޓޭޓުގެ ނިއުޕޯޓް ނިއުސް ސިޓީގެ ސްކޫލެެއްގެ ޓީޗަރަށް ހަމަލާ ދިނުމަށް ހަ އަހަރުގެ ކުޑަ ކުއްޖަކު ބޭނުންކުރި ބަޑިއަކީ އެ ކުއްޖާގެ މަންމަގެ އެއްޗެއް ކަމަށް ފުލުހުން ބުނެފި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަމުން ފުލުހުންގެ އޮފިޝަލަކު ބުނީ އެ ކުއްޖާ ސްކޫލަށް ބަޑި ވެއްދީ ބެކްޕެކަށް ލައިގެން ކަމަށެވެ. އަދި ބަޑި އަކީ އެ ކުއްޖާގެ މަންމަ ހުއްދަ ގޮތުގައި ހޯދާފައިވާ ބަޑިއެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މިދިޔަ ހުކުރު ދުވަހު ހިނގި އެ ހާދިސާގައި ނިއުޕޯޓް ނިއުސް ސިޓީގެ ރިޗްނެކް އެލެމެންޓަރީ ސްކޫލުގެ ގްރޭޑް 1 ގެ ކްލާސްރޫމުގައި ހަ އަހަރުގެ ކުޑަ ކުއްޖާ ޓީޗަރު އަބީ ޒުވެނާ އަށް ހަމަލާދީފައި ވަނީ ގަސްދުގައި ކަމަށް ފުލުހުން ބުންޏެވެ. އުމުރުން 25 އަހަރުގެ ޒުވެނާ އަދިވެސް އޮތީ ހޮސްޕިޓަލުގަ އެވެ. އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޮފިޝަލުން ބުނެ އެވެ.
ޓީޗަރުގެ ގަޔަށް އަމާޒުވީ އެންމެ ވަޒަނެކެވެ. ނަމަވެސް އެ ވަޒަން ވަނީ އޭނާގެ އަތް ފޫއަޅުވާލުމަށް ފަހު ގޮސް މޭގެ މަތީ ކަށިގަނޑާ ދިމާލަށް އަމާޒުވެފަ އެވެ. ކުއްޖާ ހަމަލާ ދިނީ ޓީޗަރު ފިލާވަޅު ނަގައިދެމުން ދިޔަ ވަގުތެއްގަ އެވެ.
ބަޑިޖެހި ހަ އަހަރުގެ ކުއްޖާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެ ކުއްޖާ ބަންދުގައި ބެހެއްޓޭނެ މުއްދަތު އިތުރު ކުރެވޭތޯ ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ވާޖީނިއާގެ ގާނޫނުތައް އޮންނަ ގޮތުން ހަ އަހަރުގެ ކުއްޖަކަށް ބޮޑުމީހަކާ އެއްގޮތަށް އަމަލެއް ނުކުރެވެ އެވެ. އަދި ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގެ ދަށުގައި ބަހައްޓާވުރެ އެ ކުއްޖާ ޅަކަމަށް ބުނެފައިވެ އެވެ. ނަމަވެސް ކޯޓެއްގެ ފަނޑިޔާރު ބޭނުން ނަމަ އެ ކުއްޖާ ބެލެހެއްޓުން ބެލެނިވެރިންގެ ކިބައިން ނެގުމަށް ފަހު ސްޓޭޓުގެ ސުޕަވިޒަނުގެ ދަށަށް ގެނެވޭނެ އެވެ.
ގާތްގަނޑަކަށް 550 ދަރިވަރުން ކިޔަވާ ސްކޫލްގައި ވަނީ މެޓަލް ޑިޓެކްޓަރު ވެސް ހަރުކޮށްފަ އެވެ. ނަމަވެސް ކުދިން ޗެކްކުރަނީ ރެންޑަމްކޮށް ކަމަށްވެ އެވެ. އަދި ކޮންމެ ކުއްޖަކު ވަކިން އިންސްޕެކްޓް ނުކުރާ ކަމަށް ވެސް ވެ އެވެ.
ނިއުޕޯޓް ނިއުސް އަކީ 180،000 މީހުން ދިރިއުޅޭ ކުޑަ ސިޓީއެކެވެ. އެ ސިޓީ އޮންނަނީ ސްޓޭޓުގެ ވެރިރަށް ރިޗްމޮންޑުގެ ދެކުނުން 70 މޭލު ދުރުގަ އެވެ.