ކުރީގެ ރައީސް މުހައްމަދު ނަޝީދު ކެނޑިނޭޅި ރާއްޖެ އަށް ގެންނަން މަސައްކަތްކުރާ ބަރުލަމާނީ ނިޒާމާ ދެކޮޅުކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މިރޭ އިއުލާން ކުރައްވައިފި އެވެ.
މި މަހު 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕާނުގައި ހުޅުމާލޭގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރުމަށް ބްރައިޓްވޭ ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނަކީ ރިޔާސީ ނިޒާމަށް ތާއީދުކުރާ ބޭފުޅެއް ކަމަށެވެ.
"އެހެންވެ ރިޔާސީ ނިޒާމެއްގައި ވާދަކުރަން ކުރިމަތިލައިގެން މިހުރީ. ބަރުލަމާނީ ނިޒާމަކަށް އަޅުގަނޑު ތާއީދުކުރާ ނަމަ ރިޔާސީ އިންތިޚާބަކަށް އަޅުގަނޑު ކުރިމަތިނުލީސް. އެހެންވީމާ ކުރިއަށް މިއޮތް ޕްރައިމަރީގައި ވަރަށް ފުންކޮށް ވިސްނާފައި ވޯޓު ދެއްވަންވާނީ،" ރައީސް ނަޝީދު އެކި ހަފުލާތަކުގައި ދައްކަވާ ބަރުލަމާނީ ނިޒާމާ ދެކޮޅުކަން ރައީސް ހާމަކުރައްވަމުން ވިދާޅުވި އެވެ. "އަޅުގަނޑުމެންނަކީ ހުއްޓި ތިބޭނެ ބައެއް ނޫން. އިރާދަކުރެއްވިއްޔާ އެމްޑީޕީ ދާނީ ކުރިއަށް."
ޕްރައިމަރީގެ ކެމްޕޭން ފެށި ފަހުން ރައީސް ނަޝީދާއި ރައީސް ސޯލިހާ ދެމެދު އޮތް ޚިޔާލުތަފާތުވުންތައް ތިލަވެ، ފާޅުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ގެންދަވަނީ ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.
ރައީސް ނަޝީދު ގެންދަވަނީ ރާއްޖެ އަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުންނެވެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލުމަށް އެދި ރައީސް ސޯލިހު އަރިވެސް ނަޝީދު ވަނީ އެތައް ފަހަރަކު ދަންނަވައި، އެކަމާ ގުޅޭ ގޮތުން ކުރިއަށް ދިއުމަށް ނަޝީދަށް ފެނިވަޑައިގަންނަވާ ގޮތްތައް ރައީސް އަށް ހުށަހަޅުއްވައިފަ އެވެ. އެއިން ކޮންމެ ފަހަރަކު ވެސް ރައީސް ޖަވާބު ދެއްވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ އެމަނިކުފާނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށެވެ.
އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ކޮންގްރެސް އަށް ވެސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގެ މައްސަލަ ހުށަހަޅައިފަ އެވެ. ނަމަވެސް ތާއީދު ނުލިބޭނެހެން ހީފުޅުވުން ހުށަހެޅުން އަނބުރާ ގެންނަވައި ރައީސް ސޯލިހާ މަޝްވަރާ ކުރުމަށް، މި ވަގުތަށް މަޑު ޖައްސާލަނީ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އޭގެ ފަހުން މިއީ ބަރުލަމާނީއާ ދެކޮޅުކަން ރައީސް އިއުލާން ކުރެއްވި ފުރަތަމަ ފަހަރެވެ.
ދެހާސް އަށާރަވަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ވެސް ބަރުލަމާނީ ނިޒާމުގެ ވާހަކަ އޮންނާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ފަހުން އެއްބަސްވީ ގުޅިފައިވާ އިއްތިހާދުގެ މެނިފެސްޓޯއަށެވެ. ބަރުލަމާނީ ނިޒާމުގެ ވާހަކައެއް އޭގައި ނެތެވެ.