މިއީ ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. ގަޑިން ގަޑިއަށް ކާން އާދަ ހަރުލާފަ ހުރި ނަމަވެސް ކޮންމެވެސް ފޮނި އެއްޗެއް ކެއުމަށް ދެވި ހިފާފަ ހުރެ އެވެ. މިކަމުން އަރައިގަންނަން ބޭނުންނަމަ ކުރެވިދާނެ ބައެއް ކަންތައްތައް އެބަހުއްޓެވެ.

ޕްރޮޓީން ގިނަ ކާނާ ގިނައިން ބޭނުން ކުރާށެވެ. ޑައިޓް ކުރާ މީހުން ވެސް އެންމެ ގިނައިން ބޭނުންކުރާ އެކަށްޗަކީ ޕްރޮޓީންއެވެ. އެއީ ޕްރޮޓީން ގިނަ ކާނާ ބޭނުން ކުރުމުގެ ސަބަބުން ބަނޑުހައިނުވެ ގިނައިރު ހުރުމަށް އެހީވެދޭތީ އެވެ. ފޮނި ތަކެތީގެ ބަދަލުގައި ބިސް، ބީންސް، ޔޯގަޓް ފަދަ ތަކެތި ބޭނުން ކުރުމުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދެ އެވެ. އަދި ފޮނި އެއްޗެހި ކެއުމުން ދުރުކޮށްދެ އެވެ.

ލުނބޯ، އޮރެންޖު ފަދަ ހުތް ކާނާ އަކީ ފޮނި އެއްޗެހި ކެއުމުން މަދުކޮށްދޭ އެންމެ ރަނގަޅު ހަތިޔާރެވެ. ހުތް ކާނާގައި ގިނަ އަދަދަކަށް ޕުރޮބައިއޯޓިކްސް ނުވަތަ އޯގާނިކް އެސިޑް ހިމެނުމުގެ ސަބަބުން ރަނގަޅު ބެކްޓީރިއާ އުފެދުމަށް އެހީވެދެ އެވެ. އަދި ލޭގައި ހަކުރު ހުންނަ މިންވަރު މަތިވުމުން ދުރުކޮށްދީ ހަށިގަނޑުގެ ދުޅަހެޔޮކަށް އިތުރުކޮށްދެ އެވެ.

ކުޅި އެއްޗެހި ކެއުމަކީ ވެސް ފޮނި ތަކެތި މަތިން ފޫހިކޮށްލާ ކަމެވެ. ކުޅި ކާނާއޭ ބުނުމުން ކާންވީ މިރުހެއް ނޫނެވެ. ބޭނުންކުރަންވީ ހާބް އެވެ. އެއީ ކާއެއްޗެހި ތައްޔާރު ކުރަން ބޭނުންކުރާ އިނގުރު ނުވަތަ ރީދޫ ފަދަ ތަކެއްޗެވެ. އެފަދަ ތަކެތި ބޭނުންކޮށްގެން މީރު ސައެއް ނުވަތަ ކިރު ތައްޓެއް ތައްޔާރު ކޮށްލާށެވެ. ފޮނި ކާ އެއްޗެހިން ދުރުކޮށްދިނުމުގެ އިތުރުން ހަށިގަނޑަށް ގިނަ ފައިދާތަކެއް މި ތަކެތިން ކުރުވަ އެވެ.

ފޮނި ތަކެތިވެސް ކާންވާނެ އެވެ. އެކަމަކު ހުންނަން ވާނީ ވަކި މިންގަނޑެއްގައި ކަން ދަންނަން ޖެހޭނެ އެވެ.