މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޕެންޝަން އޮފީހުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ހަތަރު މެންބަރުންގެ ތެރެއިން އެއް މެންބަރުގެ ޖާގަ ހުސްވާތީ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައިވާ ކަމަށެވެ. އެހެންކަމުން މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުގެ 2:00 އަށް ހުޅުވާލާފައިވާ ކަމަށާއި އެ މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން ލިޔެކިޔުން އެ އޮފީހުގެ މެއިލްއަށް ފޮނުވާ ދިނުމަށް ވަނީ އެދިފަ އެވެ.

ޕްރައިވެޓް ސެކްޓާ ތަމްސީލުކުރައްވާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން މި މަގާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ތިން ނަން ޝޯޓްލިސްޓް ކުރެއްވުމަށްފަހު، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުތު ހަމަވާކަން ޔަގީން ކުރެވޭނެ އެވެ.

ރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނު ގައިވާ ގޮތުގެމަތިން އެ އޮފީސް ހިންގަމުން ގެންދަނީ އަށް މެންބަރުން ހިމެނޭ ބޯޑެއްގެ ބެލުމުގެ ދަށުނެވެ.

ޕެންޝަން އޮފީހުގެ ބޯޑު އެކުލެވެނީ ބޯޑުގެ ޗެއާޕާސަނާއި ސެކިއުރިޓީސް މާކެޓް ރެގިއުލޭޓަގެ އިސް މުވައްޒަފަކާއި، ފިނޭންސް މިނިސްޓްރީގެ ސިވިލް ސާވިސްގެ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި އަދި ދައުލަތުގެ ނުވަތަ ސަރުކާރުގެ ވަޒީފާއެއް އަދާނުކުރާ ޕްރައިވެޓް ސެކްޓަ ތަމްސީލުކުރާ ހަތަރު މެމްބަރަކާ އެކީގަ އެވެ.