ސިނަމާލޭ ބްރިޖު ހައިވޭ މަތީގައި ނުރައްކާތެރި އެކްސިޑެންޓެެއް ހިނގައި، އެކެެއްގެ ހާލު ސީރިއަސްވެއްޖެ އެވެ.

އެ އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރި ދެ އުޅަނދެއް ޖެހިގެންނެވެ.

މި އެކްސިޑެންޓުގައި ޒަޚަމްވި މީހާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗް ގަ އެވެ.

އައިޖީއެމްއެޗުން ބުނީ އެކްސިޑެންޓުގައި ޒަހަމްވި ފިރިހެނަކު މީގެ އިރުކޮޅެެއް ކުރިން ހޮސްޕިޓަލުގެ އިމޖެންސީއަށް ގެނެސް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އޭނާގެ ހާލު ސީރިއަސް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.

ފުލުހުން ބުނީ ހައިވޭގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓު ހިނގައިގެން އުޅޭ ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓްގައި މީހަކު ބިންމައްޗަށް ވެއްޓިފައި އޮތެވެ. އަދި އެ ހާދިސާގައި ދެ އުޅަނދަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.