މޮސްކޯ (10 ފެބްރުއަރީ) - ހުޅަނގުގެ އެހީއާއެކު ޔޫކްރެއިނުން ރަޝިއާއަށް އަރައި ހަމަލާ ދޭން ފަށާފާނެކަމުގެ ކަންބޮޑުވުން އެ ގައުމުން ފާޅުކޮށްފި އެވެ.

އެގޮތުން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިންއަށް ފޮނުވާނެ ކަމަށް ބުނެފައިވާ ދުރު ރާސްތާ މިސައިލްތަކާއެކު ޔޫކްރެއިނުން ރަޝިއާގެ ބިމަށް އަރައި ހަމަލާ ދިނުމަކީ ގާތް ކަމެއް ކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.

ރަޝިއާއިން މި ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ ހުޅަނގުގެ ގައުމުތަކުން ލިބޭ ދުރު ރާސްތާ މިސައިލްތައް ބޭނުން ކުރާނީ ހަމައެކަނި ޔޫކްރެއިންގެ ބިމުގައި ތިބި ރަޝިއާގެ ސިފައިންނަށް ހަމަލާ ދޭން ކަމަށް ޔޫކްރެއިންގެ ޑިފެންސް މިނިސްޓަރު އޮލެކްސީ ރެޒްނިކޮވް ބުނެފައި ވަނިކޮށެވެ.

"ޔޫކްރެއިންގެ އެ ވާހަކަތަކަކީ އިތުބާރު ކުރެވޭ ވާހަކަ ތަކެއް ނޫން. މީގެ ކުރިން ވެސް އެ ގައުމުން ވަނީ އެއްބަސްވުންތަކާއި ވައުދުތަކާ ޚިލާފުވާނެކަން ދައްކާފައި،" ރަޝިއާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ބުނެފައިވެ އެވެ.

ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފެށިތާ އަހަރެއް ހަމަވާން ކައިރިވެފައިވާއިރު، ޔޫކްރެއިންގެ ބިމުން ރަޝިއާއިން ހިފާފައިވާ ސަރަހައްދުތަކަކީ އެ ގައުމުގެ ބައެއް ކަމަށް ރަޝިއާއިން އަންނަނީ ދައުވާ ކުރަމުންނެވެ.

އެހެން ނަމަވެސް އެ ސަަރަހައްދުތަކުން ރަޝިއާ ސިފައިން ބާލައި މިނިވަން ކުރުމަށް ހުޅަނގުގެ އަސްކަރީ އެހީ ބޭނުން ކުރާނެ ކަމަށް ޔޫކްރެއިނުން ވަނީ މީގެ ކުރިން ބުނެފަ އެވެ. -- އަލް އަރަބިއްޔާ