އަންކާރާ (12 ފެބްރުއަރީ) ތުރުކީއާއި ސީރިއާގެ ސަރަހައްދުތަކަށް މިދިޔަ ހޯމަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި މަރުވާ މީހުންގެ އަދަދު މިހާރަށްވުރެ ދެގުނަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އދން ބުނެފި އެވެ.

އދގެ ރިލީފް ކެމްޕެއިންގެ ޗީފް މާޓިން ގްރިފިތު ވިދާޅުވީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މަރުވެފައިވާ މީހުންގެ ހަށިތައް ފެންނަމުން ދާތީ ސީދާ އަންދާޒާއެއް ކުރަން ދަތި ކަމަށެވެ.

"ސީދާ ލަފާކުރަން ނޭނގުނަސް މިހާރަށްވުރެ ދެގުނަ ނުވަތަ އެއަށްވުރެ ވެސް އިތުރުވާނެ ކަމަށް ލަފާ ކުރެވޭ" މާޓިން ވިދާޅުވެފައިވެ އެވެ.

ބިންހެލުމުގައި މިހާތަނަށް 28،191 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު އޭގެ ތެެރެއިން 3574 މީހުންނަކީ ސީރިއާއިން މަރުވި މީހުންނެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ރެސްކިއު ޓީމުތަކުން ކެނޑިނޭޅި ހަރަކާތްތެރި ވަމުން ދިޔަ ނަމަވެސް ދިރިތިއްބާ މީހުން ސަލާމަތް ކުރެވުމުގެ އުއްމީދު އަންނަނީ ކުޑަ ވަމުންނެވެ.

މަރުވި މީހުންގެ އިތުރުން އެތައް ހާސް ބަޔަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު ބިންހެލުމުގައި ލިބުނު އިންސާނީ ގެއްލުން ވަޒަން ވެސް ނުކުރެވެ އެވެ.

ހަމައެއާއެކު ގެދޮރު ގެއްލި ހާލުގައި ޖެހުނު މީހުންގެ އަދަދު ވެސް މިލިއަނުން ގުނާލެވޭއިރު މި ގެއްލުންތައް އަލުން އާބާދު ކުރަން އެތައް އަހަރެއް ހޭދަވާނެ ކަމަށް މާހިރުން ވިދާޅުވެ އެވެ. -- އަލް އަރަބިއްޔާ