މާލޭގައި ބޭއްވި ކައިވެނި ހަފްލާއަކަށް ދިޔަ 35 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ބިރުވެރިކަން ބޮޑުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ކައިވެނީގެ ހަފްލާއަކަށް ދިޔަ 35 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހައިރިސްކް މީހުންވެސް ހިމެނޭ ކަމަށެވެ.

ޝީ ބިލްޑިންގްގައި ބޭއްވި އެ ހަފްލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވިކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާއިރު، އޭގެތެރޭގައި ކޮވިޑްގެ އަލާމާތްތައް ހުރި މީހުން ވެސް ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

"މިއޭޖެންސީއިން މިދަނީ މިހަފްލާގައި ބައިވެރިވި އެންމެން އަދި ހަފްލާގެ ކަންކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ގުޅައި، އެންމެން ކަރަންޓީނު ކުރަމުންނެވެ. އަދި އެންމެ ހައި ރިސްކް ފަރާތްތައް ޓެސްޓް ކުރުމުގެ މަސައްކަތްވެސް މިދަނީ ކުރަމުންނެވެ،" އެޗްޕީއޭ އިން ބުންޏެވެ.

އެ ހަފްލާއަށް ދިޔަ މީހުންގެ ތެރެއިން އެޗްޕީއޭ އިން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅުއްވާ ވިހާވެސް ގިނަ މަޢުލޫމާތު ހިއްސާ ކުރުމަކީ މުހިންމު ކަމެއް ކަމަށް އެ އެޖެންސީން ބުންޏެވެ. އަދި އެ ޕާޓީއަށް ދިޔަ އެންމެން އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް ގޭގައި އެކަހެރިވެ ތިއްބެވުމަށް ވަނީ އަންގާފަ އެވެ.

މިފަދަ ހަފްލާތައް ބާއްވާއިރު އެޗްޕީއޭ ގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް އެ އެޖެންސީން ބުންޏެވެ.

"ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމާއި، ހާޒިރުވާ ފަރާތްތައް މާސްކްއެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތި ސަރވް ކުރުމާއި ކެއުމުގައިވެސް ގައިޑްލައިންގައިވާ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް ދަންނަވަމެވެ." އެޗްޕީއޭ އިން ބުންޏެވެ.