ފިލްމު "ބީވީމާ" ގެ ވަދާއީ ޝޯތަކުގެ ޓިކެޓް މިހާރު ވިއްކަމުން އަންނަ ކަމަށް އެފިލްމު އުފެއްދި ޑާކް ރެއިން އެންޓަޓައިންމަންޓުން ބުނެފި އެވެ.

މި މަހުގެ 6 ގައި އޮލިމްޕަސް ސިނަމާގައި އެޅުވި ފިލްމު "ބީވީމާ" އަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.

އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށް "ބީވީމާ" އޮލިމްޕަސްގައި ދެއްކުމަށް ހަމަޖެހިފައިވާއިރު މިހާރު އަންނަނީ ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަމުންނެވެ.

ދެ އަހަރު ފަހުން އޮލިމްޕަސް ހުޅުވުމަށް ފަހު ދެއްކި "ބީވީމާ" އަށް ވަނީ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އަދި "ބީވީމާ" 12 ޝޯ ހައުސް ފުލްކޮށް އޮލިމްޕަސްގައި ދައްކާފައިވާ ކަމަށް ޑާކް ރެއިން ބުންޏެވެ. ވަދާއީ ޝޯތަކުގެ ޓިކެޓް ވިއްކަމުންދާއިރު ބޮޑު ތަރުހީބެއް މިހާރު ވެސް އަންނަނީ ލިބެމުންނެވެ.

"ބީވީމާ" އަކީ 2018 ގެ ތަމަޅަ ފިލްމު "96" ގެ ރިމޭކެކެވެ. މިއީ ފުރާވަރުގައި އެކީގައި ކިޔަވަން އުޅުނު ދެ ލޯބިވެރިންގެ ވާހަކަ ކިޔައިދިން އެއްޗެކެވެ.

މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދަނީ ބައިނަލްއަގްވާމީ އެވޯޑުތައް ވެސް އެކްޓިންގް އިން ހޯދާފައިވާ ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ފިލްމީތަރި، އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)އާއި، އެކްޓިންގެ ދާއިރާއަށް މުޅިން އަލަށް ނުކުތް، މަޝްހޫރު ލަވަކިޔުންތެރިޔާ މަރްޔަމް އަޝްފާ އެވެ. އެހެން ނަމަވެސް އެ ދެ ކެރެކްޓަރުގެ ޅަ ދުވަސްތައް ދެއްކި މަންޒަރުތަކުން ފެނިގެންދިޔައީ، އައިމިނަތު ރަޝްފާ (އާޝާ) އަދި އާދަމް ޒިދާން (ނާނަ) އެވެ.

މިއީ މަޝްހޫރު ސްކްރީން ރައިޓަރު އަހުމަދު ޒަރީރު ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.