ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ޗައިނާގެ ބޮޑު ހިއްސާއަކާއެކު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނާ ގާތްކޮށްފި ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ހާމަކޮށްފި އެވެ.
މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، 22 ޖުލައި 2026 ގެ ނިޔަލަށް ޖުމްލަ 1,198,343 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1,256,306 ފަތުރުވެރިންނާ އަޅާބަލާއިރު 4.6 އިންސައްތައިގެ ދަށްވުމެކެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުގެ މަގާމު ޗައިނާއިން ދަމަހައްޓަމުން އަންނައިރު، އެ ގައުމުން މިހާތަނަށް 201,739 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. މިއީ ޖުމްލަ ފަތުރުވެރިންގެ 17.2 އިންސައްތަ އެވެ. ދެވަނައިގައި 170,887 ފަތުރުވެރިންނާއެކު ރަޝިޔާ އޮތްއިރު، ތިންވަނައިގައި އޮތީ 94,139 ފަތުރުވެރިން ޒިޔާރަތްކުރި އިނގިރޭސިވިލާތެވެ. މީގެ އިތުރުން އިޓަލީ، ޖަރުމަނުވިލާތް އަދި އިންޑިއާ އަކީ ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމުތަކެވެ.
ޖުލައި މަހުގެ ފުރަތަމަ 22 ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 128,461 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 14.3 އިންސައްތައިގެ ދަށްވުމެކެވެ. މިއަހަރުގެ މިހާތަނަށް ދުވާލަކު އެވްރެޖްކޮށް 5,903 ފަތުރުވެރިން ރާއްޖެ އަންނަކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ފަތުރުވެރިން ރާއްޖޭގައި މަޑުކުރާ ތަންތަނަށް ބަލާއިރު، ގިނަ ފަތުރުވެރިން އަދިވެސް އެންމެ ބޮޑަށް އިސްކަންދެނީ ރިސޯޓުތަކަށެވެ. އެގޮތުން އިނގިރޭސިވިލާތުގެ 87.1 އިންސައްތަ ފަތުރުވެރިން އަދި ރަޝިޔާގެ 80.9 އިންސައްތަ ފަތުރުވެރިން ރިސޯޓުތަކުގައި މަޑުކޮށްފައިވެއެވެ. ނަމަވެސް ޗައިނާ، އިޓަލީ އަދި އިންޑިއާ މާކެޓުގެ ބައެއް ފަތުރުވެރިން ގެސްޓްހައުސްތަކުގައި މަޑުކުރާ މިންވަރު ވަނީ ފާހަގަކުރެވޭ ވަރަށް އިތުރުވެފަ އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ނޭދެވޭ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރަމުންދާއިރު، މިދިޔަ މާޗް މަހުން ފެށިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް ވަނީ ދަށްވާން ފަށާފަ އެވެ.
ލަންކާގައި މީދަލުން ޖެހޭ ހުމެއް ފެތުރެނީ
ފެންޝަން ފަންޑުގެ ހެޑް އޮފް އިންވެސްޓްމަންޓް އިސްތިއުފާ ދީފި
މޯދީއަށް އަންދާޒާނުކުރެވުނު ޒުވާނުންގެ މުޒާހަރާ ވަރުގަދަވަނީ