ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ސާބިތުވި ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގައި ހިމެނޭ 3،413،230 ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މަނީ ލޯންޑާ ކުރުމަށް ޔާމީން އަމަލުކުރި ކަމަށް ދައުލަތުން ބުނަނީ، އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތަށް އެއް މިލިއަން ޑޮލަރު އެޗްއެސްބީސީ އަށް ޖަމާކޮށް އިތުރު ފައިސާތަކަކާއެކު ބީއެމްއެލްއަށް ޖަމާކުރުމަށްފަހު އަނެއްކާ ވެސް ފައިސާ އިތުރުކުރުމަށްފަހު، އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖުމުލަ 1،295،000 ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ.

އިސްލާމިކް ބޭންކަށް ޖަމާކުރި 1،295،000 ޑޮލަރާއެކު ހަމަ އެ ބޭންކުގައި ހުޅުވާފައިވާ އިންވެސްޓްމެންޓް އެކައުންޓަކަށް އިތުރު ފައިސާއާއެކު ޖުމުލަ 3،413،230 ޑޮލަރު 36 މަސް ދުވަހުގެ މުއްދަތަކަށް އިންވެސްޓްކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ދައުލަތުން އެދުނީ ރައީސް ޔާމީން ލޯންޑާކުރި އެއް މިލިއަން ޑޮލަރާއި އެ ފައިސާއާއި އެއްކޮށްފައިވާ 2،413،230 ޑޮލަރު ހޯދައި ދިނުމަށެވެ. އަދި މި ފައިސާތައް އިންވެސްޓްކޮށްގެން ލިބުނު ފައިސާ ހޯދަން ވެސް އެދިފައިވެ އެވެ.

މި ފައިސާ ދައްކަން ރައީސް ޔާމީންގެ މައްޗަށް އަމުރުކުރީ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް ކުރި ދެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވާތީ އެ ހުކުމަށް ރިއާޔަތްކޮށެވެ.

އާރަށުގެ މައްސަލަ ޝަރީއަތަށް ހުށަހެޅީ ނޮވެމްބަރު 24، 2021 ގަ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލު ބެއްލެވި އެ މައްސަލައިގެ އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ނިންމާލައި ހުލާސާ ބަޔާން އިއްވީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހު އެވެ.