ވިޔަފާރިވެރިންގެ ޖަމިއްޔާގެ ތެރޭގައި މީގެ 21 އަހަރު ކުރިން އަޒްލީނާ ނަފީސް މަރާލި ގާތިލް، އަބްދުﷲ ޒުހައިރު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ޒުހައިރު މަރުވެފައި އޮއްވާ ފެނުނީ ކ. ދިއްފުށީ އަތިރި މަތީގައި ހުރި ޖޯއްޔެއްގަ އެވެ.
ދިއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ސުނިލް ވިދާޅުވީ އެ މައްސަލަ މިހާރު ފުލުހުން ތަހުގީކުރުމަށް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އޭނާ މަރުވިކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 11:53 ހާއިރު ކަމަށް އޭނާ ވިދާޅުވި އެވެ.
ސުނިލް ވިދާޅުވީ ޒުހައިރު ފެނުނުއިރު އަނިޔާގެ ނިޝާނެއް ފެންނަން ނެތް ކަމަށާއި އޭނާ މަރުވި ސަބަބެއް ނޭނގޭ ކަމަށެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ބުނީ ދިއްފުށީ އުތުރު ފަރާތު ބީޗްގައި ހުރި ޖޯއްޔެއްގައި ޚަބަރު ހުސްވެފައިވަ އޮތް މީހެއް ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް މިއަދު މެންދުރު 12:20 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް، އެތަނުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވާ ޒުހެއިރު 48، ދިއްފުށީގައި ދިރިއުޅެމުން އައީ އެރަށު މީހަކާ އިނދެގެންނެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ސެކެޓްރީގެ މަގާމުގައި އުޅުނު އަޒްލީނާ މަރާލާފައި އޮތްވައި ފެނުނީ އޭޕްރީލް 5، 2001 ގަ އެވެ.
މުޅި ރައްޖެއަށް ސިހުން ގެނުވި އެ މަރާ ގުޅިގެން ޒުހައިރު އިތުރުން އިތުރު ދެ މީހެއްގެ މައްޗަށް އެ އަމަލު ހިންގުމުގައި ބައިވެރިކަމުގެ ކުށް ސާބިތުވެގެން ޖަލަށްލި އެވެ.
އަޒްލީނާ މަރާލާފައި އޮތްވައި ފެނުނީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާޚާނާގެ ތެރޭގަ އެވެ.
އަނިޔާވެރި އަމަލުތައް މަދު ދުވަސްވަރެއްގައި ހިންގި އެ އަނިޔާވެރި އަމަލާ ގުޅިގެން ޒުހައިރުގެ މައްޗަށް ކުށް ސާބިތުވެ އުމުރަށް ޖަލަށްލުމަށް ހުކުމްކުރީ 2002 ވަނަ އަހަރު އެވެ. ނަމަވެސް 11 އަހަރު އެ ހުކުމް ތަންފީޒުކުރުމަށްފަހު 2013 ވަނަ އަހަރު އޭނާ ވަނީ މިނިވަންކޮށްފަ އެވެ.