މިފަހުން ބޭއްވި ދާދާސާހެބް ފަލްކޭ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އެވޯޑްސްގައި ރަންބީރު ކަޕޫރަށް ލިބުނު އެންމެ މޮޅު އެކްޓަރުގެ އެވޯޑު އޭނާއަށް ހައްގުނުވާ ކަމަށް ރަންބީރު ބުނެފި އެވެ.

ދާދާސާހެބް އެވޯޑުގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑު އޭނާއަށް ލިބިފައިވަނީ 2022 އަހަރު ނުކުތް ބްރަހްމާސްތުރަގައި އޭނާ ކުޅެދީފައިވާ ރޯލަށެވެ.

އަންހެނުން އާލިއާ ބަޓްއާއެކު ރަންބީރު ފެނިގެން ދިޔަ އެ ފިލްމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއިރު ބޮކްސްއޮފީހުގައި އެ ފިލްމު ވެގެން ގޮސްފައިވަނީ އެވްރެޖު ފިލްމަކަށެވެ.

އެހެން ނަމަވެސް މި ފިލްމުގެ ވާހަކައާއި ވީއެފްއެކްސް އަދި އެކްޓިންއަށް ބަލާއިރު ރަންބީރުއަށް ލިބުނު އެވޯޑަކީ ބޮޑު ޖޯކެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ރަންބީރު މީގެ ކުރިން ކުޅެދީފައިވާ ރޮކްސްޓާއާއި ތަމާޝާފަދަ ފިލްމުތަކަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު މާ ހައްގު ކަމަށް އެ މީހުން ބނެ އެވެ.

ރަންބީރު ވެސް އެކަން ގަބޫލު ކުރަމުން އޭނާ ބުނެފައިވަނީ އެ ފިލްމުގައި ދައްކުވައިދީފައިވާ އެކްޓިންއަކީ އޭނާގެ އެންމެ މޮޅު އެކްޓިން ނޫން ކަމަށެވެ.

އެވޯޑު ހައްގު ނޫން ކަމަށް އެއްބަސްވުމުން ދައްކުވައިދެނީ އޭނާގެ ހިތްތިރިކަން ކަމަށް ބުނެ ގިނަ ބައަކު އަންނަނީ ރަންބީރުއަށް ތައުރީފު ވެސް ކުރަމުންނެވެ.